ރާއްޖޭގެ ދަރަނި ދެއްކުން ފަސްކުރުމުގެ ވިސްނުމެއް ޗައިނާގެ ނެތް
ރާއްޖޭގެ ދަރަނި ދެއްކުން ފަސްކުރުމުގެ ވިސްނުމެއް ޗައިނާގެ ނެތް ކަމުގައި އެގައުމުން ބުނެފިއެވެ.
ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު ވަންގް ލީޒިން މިގޮތަށް ވިދާޅުވީ ޗައިނާ އެމްބަސީއިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ޗައިނާ ސަފީރު ވިދާޅުވީ ޗައިނާއިން ރާއްޖެއަށް ދީފައިވާ ލޯނުތައް ރީސްޓްރަކްޗަރ ކުރުމުގެ ވިސްނުމެއް ޗައިނާގެ ސަރުކާރުން ނުގެންގުޅޭ ކަމަށެވެ. އަދި ޗައިނާއަށް ދައްކަން ޖެހޭ ދަރަނީގެ މަޝްވަރާތަކެއް ދެ ގައުމުގެ ޓެކްނިކަލް ސްޓާފުން ކުރަމުންދާ ކަމަށެވެ.
ދަރަނިތައް ދެއްކުން ފަސްކޮށްފިނަމަ ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި ހިންގާ އިތުރު މަޝްރޫއުތަކަށް ޗައިނާއިން ލޯނު ލިބުން ދަތިވާނެ ކަމަށާއި ރާއްޖޭގެ ދަރަނި އިތުރަށް ބޮޑުވުމަށް ނޭދޭ ކަމަށް ވެސް ސަފީރު ވިދާޅުވިއެވެ.
ސަފީރު އިތުރަށް ވިދާޅުވީ މިހާރު ޗައިނާއިން އެންމެ އިސްކަމެއް ދެނީ އެ ގައުމުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި ހިންގާ މަޝްރޫއުތަކަށް ކަމަށެވެ.
ވޯލްޑް ބޭންކްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ އެކި މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް ރާއްޖެއިން ވަނީ ޗައިނާއިން 1.37 ބިލިއަން ޑޮލަރުގެ ލޯނު ނަގައިފަ އެވެ. މިއީ ބޭރު ގައުމުތަކުން ނަގާފައިވާ ދަރަނީގެ 20 ޕަސެންޓެވެ.