މާފަންނު ސްޓޭޑިއަމްގެ ފެންސަށް ގެއްލުންވެއްޖެ
ވިއްސާރާގައި މާފަންނު ސްޓޭޑިއަމްގެ ފެންސަށް ގެއްލުންވެއްޖެއެވެ.
ފުލުހުން ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ސްޓޭޑިއަމްގައި ހަރުކޮށްފައިހުރި ފެންސުތަކަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި ރައްކާތެރިކަމުގެ ގޮތުން އަމީނީމަގުގެ ދެކުނުފަޅިން ހިލާލީ މަގުން ފެށިގެން މާފަތްތަކުރުފާނު މަގާ ހަމައަށް ބަންދުކޮށްފައިވާ ކަމަށެވެ.
މިހާރު މުޅި ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ބައެއް ސަރަހައްދުތަކަށް މިހާރުވެސް ވަނީ އޮރެންޖް އެލާޓް ނެރެފައެވެ. އަދި ޔެލޯ އެލަރޓު ވެސް ބައެއް ސަރަހައްދުތަކަށް ވަނީ ނެރެފައެވެ. ޔެލޯ އެލާޓް ނެރެފައިވަނީ ބޯކޮށް ވާރޭވެހި ގަޑިއަކު 28 މޭލާއި 35 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭއިރު، ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.
ވިއްސާރައިގެ ސަބަބުން ފުލުހުން ވަނީ ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތުގައި މެނުވީ ކަނޑުދަތުރު ނުކުރުމަށާއި ދަތުރުކުރަން ޖެހިއްޖެ ހާލަތުގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެދިފައެވެ. އަދި ކުދި އުޅަނދުގައި ދަތުރުނުކުރުމަށް ވެސް ވަނީ އެދިފައެވެ. އަދި ފަޅު ރަށްރަށާއި ފިނޮޅު ފަދަ ތަންތަނަށް ދަތުރު ނުދިއުމަށާއި މޫދަށް ނޭރުމަށް ވެސް ވަނީ އެދިފައެވެ.