ޖެނުއަރީ މަހު ބާއްވާނެ ކަމަށް ލަފާކުރެވޭ އިންތިޚާބުގެ ކުރިން ބޮޑުވަޒީރު ޝެއިޚް ހަސީނާ މަގާމުން ދުރުކުރުމަށް ދިހަހާސް މީހުން ޑިމާންޑް ކުރުމުން ބަންގްލަދޭޝްގައި ހިނގި ހަމަނުޖެހުންތަކުގައި އިދިކޮޅު އެކްޓިވިސްޓަކު މަރުވެ އެތައް ސަތޭކަ ބަޔަކު ޒަހަމްވެއްޖެ އެވެ.
އިދިކޮޅު ދިހަހާސް އެކްޓިވިސްޓުން އަންގާރަ ދުވަހު ވަނީ ވެރިރަށް ދާކާ އާއި އެހެނިހެން ސިޓީތަކުގައި ހިނގާލުން ކުރިއަށް ގެންގޮސް ހަސީނާ އިސްތިއުފާ ދެއްވުމަށް ގޮވާލާފަ އެވެ.
ހަސީނާގެ އަވާމީ ލީގުން 2009 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ 8 ވަނައަށް އާބާދީ އެންމެ ބޮޑު ގައުމުގެ ވެރިކަން ކުރަމުން އަންނައިރު، އިންސާނީ ހައްގުތަކާ ހިލާފުވުމާއި ކޮރަޕްޝަންގެ ތުހުމަތުތައް ވަނީ ކޮށްފައެވެ.
ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިޔާ ގެ ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އިން ވަނީ ހަސީނާ މަގާމުން ދުރުކޮށް، ނިއުޓްރަލް ސަރުކާރެއްގެ ދަށުން ވޯޓުލުން ކުރިއަށް ގެންދިއުމަށް މުޅި ގައުމުގައި މުޒާހަރާ ކުރުމަށް ގޮވާލާފަ އެވެ.
ބީއެންޕީގެ ސެކްރެޓަރީ ޖެނެރަލް މިރްޒާ ފަޚުރުލް އިސްލާމް އަލަމްގީރު ވަނީ ދެކުނު އޭޝިއާގެ ގައުމުގައި ޑިމޮކްރަސީ އަލުން ގާއިމް ކުރުމަށް އެހީތެރިވުމަށް މިހާރުގެ ސަރުކާރުން ވަގުތުން ވެރިކަމުން ވަކިވެ، މަޖިލިސް އުވާލައި، ވަގުތީ ވެރިކަމަކާ ހަވާލު ކުރުމަށް ގޮވާލައްވާފަ އެވެ.
ވެރިރަށް ދާކާގެ ގާތްގަނޑަކަށް 13 ކިލޯމީޓަރު ދިގު ހިނގާލުމުގައި އެކި ހިސާބުތަކުން އެކްޓިވިސްޓުންނާއި ސަޕޯޓަރުން ވަނީ ބައިވެރިވެފައެވެ.
“މި ހިނގާލުމުގައި ބައިވެރިވި ގިނަ މީހުންނަކީ ކޮންމެހެން ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ބައެއް ނޫން. އެއީ ކެބް ޑްރައިވަރުން ފެށިގެން ޓްރަކް ޑްރައިވަރުން ފެށިގެން އިގްތިސާދީ ދަތިކަމުގެ ސަބަބުން ސަރުކާރާ މެދު ކަންބޮޑުވާ ކަމަށް ބުނާ ރިކްޝާ ދަމާ މީހުންނާ ހަމައަށް،” ދާކާއިން ރިޕޯޓްކުރި އަލްޖަޒީރާގެ އަލްޖަޒީރާގެ ރިޕޯޓަރަކު ވިދާޅުވި އެވެ.