ކްލެމެންސީ ބޯޑަށް މެންބަރު ޝުޖާޢު
މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގައިވާ ގޮތުގެމަތިން ކްލެމެންސީ ބޯޑަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރަކަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުގެ ނަން ފާސްކޮށްފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކްލެމެންސީ ބޯޑަށް މަޖިލީހުގެ މެންބަރުންގެ ތެރެއިން މެންބަރަކު ކަނޑައެޅުމަށް ނަން ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ހުށަހަޅާފައިވަނީ މެންބަރު ޝުޖާޢުގެ ނަން އެކަނިއެވެ.
ކްލެމެންސީ ބޯޑަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުގެ ނަން ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާހުއެވެ. މި ހުށަހެޅުމަށް ތާއީދު ކުރެއްވީ ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް އެވެ.
ކްލެމެންސީ ބޯޑަށް ޝުޖާއު އައްޔަންކުރުމަށް މަޖިލީހުގައި ވޯޓަށް އެހުމުން 88 މެންބަރުންގެ ވޯޓުން ޝުޖާޢު މެމްބަރުކަމަށް އައްޔަން ކުރަން ފާސްކޮށްފައެވެ.
ކްލެމެންސީ ބޯޑުގައި ހިމެނިވަޑައިގަންނަވަނީ ޤާނޫނީ ދާއިރާގެ ބޭފުޅަކާއި ތަޢުލީމީ ދާއިރާގެ ބޭފުޅަކާއި އިޖްތިމާޢީ ދާއިރާގެ ބޭފުޅަކާއި ޞިއްޙީ ދާއިރާގެ ބޭފުޅަކާއި ދީނީ ޢިލްމުގެ ބޭފުޅެކެވެ. މީގެއިތުރުން މަދަނީ ޖަމްޢިއްޔާގެ ބޭފުޅަކާއި ޕެރޯލް ބޯޑުގެ ބޭފުޅަކާއި ފުލުހުންގެ ބޭފުޅަކާއި ޝަރުއީ ދާއިރާގެ ބޭފުޅެއްގެ އިތުރުން ރައްޔިތުންގެ މަޖިލީހުން އައްޔަންކުރައްވާ މެމްބަރެއް އެ ބޯޑުގައި ހިމެނިވަޑައިގަންނަވައެވެ.
19 ވަނަ މަޖިލީހުގެ ތަމްސީލު ކުރައްވާ ބޭފުޅެއްގެ ގޮތުގައި އެ ބޯޑުގައި މިހާތަނަށް ހުންނެވީ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢުއެވެ.