ފަތުރުވެރިންގެ އޮކިއުޕަންސީ ރޭޓް މައްޗަށްގޮއްސި
މިއަހަރުގެ ފުރަތަމަ 4 މަސްދުވަހު ފަތުރުވެރިންނަށް ހިދުމަތްދޭ ތަންތަނުގެ އޮކިއުޕަންސީ ރޭޓް އިތުރުވެފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ، އެމްއެމްއޭއިން ބުނެފިއެވެ.
އެމްއެމްއޭގެ މަންތްލީ ސްޓެޓިސްޓިކް ރިޕޯޓުން ދައްކާގޮތުން މިދިޔަ އަހަރާއި އާޅަބަލާއިރު މިއަހަރުގެ ފުރަތަމަ 4 މަސްދުވަހު އޮކިއުޕަންސީ ރޭޓް ވަނީ %3.2 އިތުރުވެފައެވެ.
އެމްއެމްއޭއިން އާންމުކޮށްފައިވާ މަންތްލީ ސްޓެޓިސްޓިކް ރިޕޯޓުން ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 4 މަސްދުވަހު ފަތުރުވެރިކަމުގެ އޮކިއުޕަންސީ ރޭޓް ހުރީ %72.7 ގައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އޮކިއުޕަންސީ ރޭޓް ހުރީ %69.5 ގައެވެ.
ރާއްޖެ އަންނަ ފަތުރުވެރިން ޗުއްޓީ ހޭދަކުރަނީ ރިސޯޓްތަކާއި، ގެސްޓްހައުސްތަކާއި، ހޮޓެލްތަކާއި އަދި ސަފާރީތަކުގައެވެ. އެމްއެމްއޭގެ ރިޕޯޓުން ދައްކާގޮތުން ހޮޓެލްތައް ފިޔަވައި އެހެން ހުރިހައި ތަނެއްގެވެސް އޮކިއުޕަންސީ ރޭޓް ވަނީ މިދިޔަ އަހަރާއި އަޅާބަލާއިރު އިތުރުވެފައެވެ.
މިއަހަރުގެ ފުރަތަމަ 4 މަސްދުވަހު ރިސޯޓްތަކުގެ އޮކިއުޕަންސީ ރޭޓް ހުރީ %82.2 ގައެވެ. މިދިޔަ އަހަރު މި އަދަދު ހުރީ %80.8 ގައެވެ. ގެސްޓްހައުސްތަކުގެ މިއަހަރުގެ އޮކިއުޕަންސީ ރޭޓް ހުރީ %56.6 ގައެވެ. މިދިޔަ އަހަރު މި އަދަދު ހުރީ %48.2 ގައެވެ.
ހޮޓެލްތަކަށް ބަލާއިރު މިއަހަރުގެ ފުރަތަމަ 4 މަސްދުވަހު އޮކިއުޕަންސީ ރޭޓަކީ %30.5 އެވެ. މިދިޔަ އަހަރު މި އަދަދު ހުރީ %39.7 ގައެވެ. ގެސްޓްހައުސްގެ މިއަހަރުގެ މި މުއްދަތުގެ އޮކިއުޕަންސީއަކީ %38.3 އެވެ. މިދިޔަ އަހަރު މި އަދަދަކީ %33.9 ކަމަށް އެމްއެމްއޭގެ ރިޕޯޓުން ދައްކައެވެ.
މި މުއްދަތުގައި އޮކިއުޕަންސީ ރޭޓް އިތުރުވެފައިވުމުގެ ސަބަބުން ބެޑް ނައިޓްސްވެސް ވަނީ އިތުރުވެފައެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ޖޫންމަހުގެ 4 ވަނަ ދުވަހާއި ހަމައަށް 907،066 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %9.9 އިތުރު އަދަދެކެވެ.
ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން އަންނަނީ ޗައިނާއިންނެވެ. އަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް 102،706 ފަތުރުވެރިން ވަނީ އައިސްފައެވެ.