ބައިނަލްއަޤްވާމީ "ޑޭ އޮފް ޕްލޭ" ފިޔަވަތީގައި ފާހަގަ ކޮށްފި
ބައިނަލްއަޤްވާމީ "ޑޭ އޮފް ޕްލޭ" ނުވަތަ ކުޅުމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ވަނީ ޔުނިސެފް މޯލްޑިވްސްއާއި މި ވުޒާރާ ގުޅިގެން ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި މި ދުވަހަށް ޚާއްސަ ހަރަކާތްތަކާއި އެކު ދެ ސެޝަނެއް ކުރިއަށް ގެންގޮސްފައެވެ.
މިއީ މިދިޔަ އަހަރު އދ.ގެ އާންމު މަޖިލީހުން ކޮންމެ އަހަރަކު 11 ޖޫން 2024 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ފެންވަރުގައި "ޑޭ އޮފް ޕްލޭ" ފާހަގަކުރާ ދުވަސް ކަމަށް ފާސްކުރުމުގެ ފަހުން މި ދުވަސް ފާހަގަކުރެވޭ ފުރަތަމަ ފަހަރެވެ.
ކުޅިވަރުގެ މިފަދަ ހަރަކާތްތަކުގެ ތެރެއިން ކުދިންނަށް ދަސްވާ އިޖުތިމާޢީ ހުނަރުތަކަކީ ދިރިއުޅުމުގައި އެކުދިން ބޭނުންކުރާނެ މުހިންމު ހުނަރުތަކެކެވެ.
އެހެން ކުދިންނާއި ގުޅިގެން އުޅުމާއި، ދިމާވާ މައްސަލަތައް ހައްލުކުރަން ދަސްކުރުމާއި އަދި އެކުވެރިކަމާއި، އެހީތެރިކަމުގެ މުހިންމުކަން މިފަދަ ހަރަކާތްތަކުން ކުދިންނަށް ދަސްވެއެވެ. ދެ ދަންފަޅިއަށް ކުރިއަށްގެންދެވުނު މި ސެޝަންތަކުގައި ފިޔަވަތީގައި ތިބި އެކި އުމުރުގެ ހުރިހާ ކުދިން ވަނީ ކުޅިވަރުތަކުގައި ބައިވެރިވެ، ވަރަށް އުފާވެރި، މަޖާ ވަގުތުތަކެއް ހޭދަކޮށްފައެވެ.