ސްވިޒަލޭންޑުން ހަންގޭރީ ބަލިކޮށްފި
ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ސްވިޒަލޭންޑުން 3-1 އިން ހަންގޭރީގެ މައްޗަށް ކުރި ހޯދައިފި އެވެ.
ޖަރުމަނުގެ ކޮލޯން ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ސްވިޒަލޭންޑުން ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 12 ވަނަ މިނެޓްގައި ކްވަޑްވޯ ޑުއާ ވަނީ އެޓީމަށް ލީޑު ނަގައިދީފަ އެވެ. މި ގޯލު ޖެހުމުން ރެފްރީ ފުރަތަމަ ނިންމީ އޮފްސަައިޑް ކަމަށެވެ. އެކަމަކު، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ނިންމީ ގޯލެއް ކަމަށެވެ.
މި ގޯލަށް ފަހު ވެސް ސްވިޒަލޭންޑުން ދިޔައީ ހަންގޭރީގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅުތެރޭ މިޝޭލް އަބިޝޭ ވަނީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. މިއީ ހަންގޭރީގެ އޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުން ކާމިޔާބު ކުރި ގޯލެކެވެ.
ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފުގައި ހަންގޭރީން ކުޅުން ރަނގަޅު ކުރިއިރު، މެޗުގެ 66 ވަނަ މިނެޓްގައި ބާނަބާސް ވާގާ ވަނީ ސްވިޒަލޭންޑްގެ އޭރިއާ ތެރޭ ހުރެ ބޮލުން ބޯޅަ ގޯލަށް ވައްދާލައިގެން ނަތީޖާގެ ފަރަގު ހަންގޭރީއަށް ކުޑަކޮށްދީފަ އެވެ. މި ގޯލާއެކު ހަންގޭރީން ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިގެން ކުޅުނު ނަމަވެސް ސްވިޒަލޭންޑްގެ ގޯލަށް މާބޮޑު ނުރައްކަލެއް ކުރެވިފައެއް ނުވެ އެވެ.
މި މެޗުގައި ސްވިޒަލޭންޑުން ޖެހި ތިންވަނަ ގޯލު ފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ ބްރީލް އެމްބޯލޯ އެވެ. މިއީ ހަންގޭރީގެ ވިލީ އޯބަން އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ކީޕަރު ބޯމަތިން ބޯޅަ ފޮނުވާލައިގެން އެމްބޯލޯ ކާމިޔާބު ކުރި ގޯލެކެވެ.
މި ގްރޫޕްގައި ހަންގޭރީން ދެން ކުޅޭނީ ޖަރުމަނާ އެވެ. އަދި ސްވިޒަލެންޑުން ނުކުންނާނީ ސްކޮޓްލެންޑާ ދެކޮޅަށެެވެ. ގްރޫޕްގެ ފުރަތަމަ މެޗުން ޖަރުމަނުން ވަނީ 5-1 އިން ސްކޮޓްލެންޑް ބަލިކޮށްފަ އެވެ.