ބެލިންހަމްގެ ގޯލުން އިނގިރޭސިންނަށް މޮޅެއް!
ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސާބިއާ އަތުން އިނގިޜޭސިން 1-0އިން މޮޅުވެއްޖެ އެވެ.
މެޗުގެ ހަމައެކަނި ލަނޑު ޖެހީ 10 ވަނަ މިނިޓްގައި ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު ޖޫޑް ބެލިންހަމެވެ. އޭނާ ވަނީ މި މެޗުގައި މޮޅަށް ކުޅޭ މޭން އޮފް މެޗުގެ މަގާމު ވެސް ހާސިލްކޮށްފަ އެވެ.
ނަތީޖާ ތަފާތު ކޮށްލަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އިނގިރޭސި ކެޕްޓަން ހެރީކޭން އަށެވެ. ފަހު ހާފުގައި އޭނާ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
ފަހުހާފުގައި މޮޅަށް ކުޅޭ ސާބިއާއިން ގިނަ ހަމަލާތަކެއް އުފެއްދި އެވެ. ނަމަވެސް އެމީހުން ގޯލަށް ފޮނުވާލި ބާރު ބޯޅަތައް އިނގިރޭސި ކީޕަރު ޖޯޑަން ޕިކްފޯޑް ހުށިހާރު ކަމާއެކު ދިފާއު ކުރި އެވެ.
މި މެޗަށް ފަހު ބެލިންހަމް ބުނީ އޭނާ މިހުރީ ގައުމީ ޓީމަށް ޔޫރޯ ކާމިޔާބުކޮށްދޭން ކޮންމެ ފަދަ ގުރުބާނީއެއް ވެސް ވާން ތައްޔާރަށް ކަމަށާއި ފުރުސަތުގެ ބޭނުން ހިފަން އިނގިރޭސިންނަށް އެނގޭނެ ކަމަށެވެ.
މި މެޗަށް ފަހު އިނގިރޭސިން ދެން ބައްދަލުކުރާނީ ގްރޫޕުގެ ދެ ވަނަ މެޗުގައި ޑެންމާކާ އެވެ. ސާބިއާ ބައްދަލުކުރާނީ ސްލޮވީނިއާއާ އެވެ.