އެމްބާޕޭ ޕްރެކްޓިހަށް ނިކުމެއްޖެ
ފްރާންސް ކުޅުނު ފުރަތަމަ މެޗުގެ ފަހު މިނިޓްގައި ނޭފަތް ފަޅައިގެން ގޮސްގެން ބަދަލުކުރި ފްރާންސް ކެޕްޓަން ކީލިއަން އެމްބާޕޭ ނޭފަތުގައި ބެންޑޭޖެއް އަޅައިގެން ޕްރެކްޓިހަށް ނިކުމެއްޖެ އެވެ.
ނޭފަތަށް ރައްކާތެރިކަން ލިބޭ ގޮތަށް, ނޭފަތް މަތީގައި ބެންޑޭޖެއް އަޅައިގެން ޕްރެކްޓިހަށް ނިކުއިން ނަމަވެސް, އެމްބާޕޭ ޕްރެކްޓިސް ކުރީ ވަކިންނެވެ. އެހެންކަމުން ކުރިއަށް އޮތް ނެދަލެންޑްސް މެޗުގައި މާދަމާރޭ އޭނާ އަށް ކުޅެވޭނެ ކަން ޔަގީނެއް ނޫނެވެ. ފްރާންސް ފުޓްބޯޅަ ފެޑެރޭޝަނުން ބުނެފައިވަނީ އެމްބާޕޭގެ ފިޓްނަސްވެސް މައްސަލައަކަށް ވެދާނެ ކަމަށެވެ.
ބެންޑޭޖަކާ އެކު ޕްރެކްޓިހަށް ނިކުއިން ނަމަވެސް އެމްބާޕޭ އަށް މިހާރު ވަނީ ނޭފަތުގެ ރައްކާތެރި ކަމަށް ފޭސްމާސްކެއް ތައްޔާރުކޮށްފައެވެ. މުބާރާތުގެ މެޗުތަކުގައި އެމްބާޕޭ މާސްކް ބޭނުން ކުރާނެއެވެ.
25 އަހަރުގެ އެމްބާޕޭ އަށް އަނިޔާވީ އޮސްޓްރިއާ އަތުން މޮޅުވި މެޗުގައި, ޑަންސޯ އުޅަނބުށިން ނޭފަތުގައި ޖެހިގެންނެވެ. އޮސްޓްރިއާގެ ޑަންސޯ ވަނީ މެޗަށްފަހު މަޢާފަށް އެދިފައެވެ. އެކްސްގައި މަޢާފަށް އެދި އޭނާ ކުރި ޕޯސްޓްގައި ވަނީ އެމްބާޕޭއަށް އަވަސް ޝިފާއަކަށްވެސް އެދިފައެވެ.
ގްރޫޕް ސްޓޭޖްގައި ފްރާންސަށް ކުރިއަށް އޮތީ ނެދަލެންޑްސްއާ ވާދަކުރާ މެޗުގެ އިތުރުން އަންގާރަ ދުވަހު ޕޮލެންޑާ ވާދަކުރާ މެޗެވެ.