ޔުކްރެއިން އިން ފަހަތުން އަރާ ސްލޮވާކިޔާ ބަލިކޮށްފި
ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޔުކްރެއިން އިން ފަހަތުން އަރާ ސްލޮވާކިޔާ ބަލިކުރުމުން، ގްރޫޕްގެ ވަދަވެރިކަން ބޮޑު ވެއްޖެ އެވެ. މެޗު ޔުކްރެއިން އިން ކާމިޔާބުކުރީ 2-1 ނެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑް ނެގީ ފުރަތަމަ މެޗު ކާމިޔާބުކޮށްފައިވާ ސްލޮވާކިޔާއިން ނެވެ. މެޗުން މޮޅުވެގެން ދެވަނަ ބުރު ޔަގީން ކުރެވެން އޮތް ޓީމަށް ލަނޑު ޖަހައިދިނީ 17 ވަނަ މިނިޓްގައި އިވާން ސްކްރާންޒް އެވެ. ލޫކަސް ހަރަސްލިން ނަގައިދިން ހުރަސް ބޮލުން ޖަހާ ސްކްރާންސް ފޮނުވާލީ ގޯލްގެ ދުރު ކަނަށެވެ. އޭގެ މިނިޓެއް ކުރިން ސްލޮވޭކިޔާއަށް ލިބުނު ހިލޭޖެހުން ޑޭވިޑް ހަންކޯ ފޮނުވާލުމުން ކީޕަރު ހުށިޔާރު ކަމާއެކު ދިފާއުކުރި އެވެ.
ޔުކްރެއިން އިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ 54 ވަނަ މިނިޓްގައެވެ. ޒިންޗެންކޯ އަރިމަތިން ނަގައިދިން މޮޅު ހުރަސް މައިކޯލާ ޝަޕަރެންކޯ ޕެނަލްޓީ ސްޕޮޓާ ހަމައިން އެއްފަހަރުން ޖަހާ ފޮނުވާލީ ގޯލްގެ ތިރީ ކަނަށެވެ. މެޗުގެ ފަހު 10 މިނިޓްގައި ޔުކްރެއިން އަށް ލީޑް ނަގައިދިނީ ޔަރެމްހުކް އެވެ. އޭރިޔާ ތެރެއަށް ނަގައިދިން ބޯޅަ ގޯލް އޭރިޔާ ކަނާ ހަމައިން ފައި މައްޗަށް ކޮންޓްރޯލް ކޮށްލުމަށްފަހު އޭނާ ބޯޅަ ގޯލަށް ފޮނުވާލީ ކީޕަރަށް ޖާގަ ނިލިބޭނެ ހެން، ކަނާއަތް ފަޅިއަށެވެ.
ދެވަނަ ހާފްގައި ޒިނެޗްނެކޯ ޑީއޭރިޔާ ކައިރިން ފޮނުވާލި ބާރުބޯޅަ ކީޕަރު އަތުން ޖައްސާ ކޯނަރަކަށް ބޭރުކޮށްލި އެވެ. ލީޑް ނެގުމުގެ ކުރިން މުޑްރީކްއާއި ރޯމަން ޔަރެމްހުކް ގުޅިގެން ކުރިއަށް އަރާ އޭރިޔާ ތެރެއަށް ވަދެ މުޑްރީކް ފޮނުވާލި ބޮޅަ އަމާޒުވީ އަރިމަތި ދަނޑިއަށެވެ. ބޯޅަ ދިޔަ ދިމާ ކީޕަރު ރަނގަޅަށް ކަވަރު ކޮށްފައި ހުރުމުން ސީދާވި ނަމަވެސް އެބޯޅަ ގޯލަށް ވަނުމުގެ ފުރުޞަތު ކުޑަ އެވެ. ޔަރެމްޗުކްގެ ޕާސް ރަނގަޅު ނުވުމުން މުޑްރީކް އަށް ބޯޅަ ރަނގަޅަށް ބޭނުން ނުކުރެވުނީ އެވެ. ރަރެމްޗުކް ޔުކްރެއިން އަށް ލީދް ނަގައިދިނީ އޭގެ ދެ މިނިޓް ފަހުންނެވެ.
ޔުކްރެއިންގެ މިމޮޅާއެކު މިގްރޫޕްގެ ތިން ޓީމެއް ތިން ޕޮއިންޓާއެކު އެބައޮތެވެ. އެއީ ޔުކްރެއިންއާއި ސޮލޮވާކިޔާގެ އިތުރުން ރޮމޭނިޔާ އެވެ. ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ ބެލްޖިއަމް އެވެ.