ޙޫޘީންގެ ވަރުގަދަ ހަމަލާތަކެއް ޔަހޫދީންގެ ޚައިފާ ބަނދަރަށް ދީފި
ޔަމަނުގެ ހޫޘީންނާއި ޢިރާޤުގައި ހަރަކާތްތެރިވާ އިސްލާމިކް ރެސިސްޓެންސް އިން އިސްރާއީލުގެ ބަނދަރެއްގައި އޮތް ހަތަރު އާގުބޯޓަކަށް ވަރުގަދަ ޙަމަލާތަކެއް ދީފިއެވެ. އަސްކަރީ ޑްރޯން ބޭނުން ކޮށްގެން ދީފައިވާ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އިސްރާއީލުގެ ޚައިފާ ބަނދަރުގައި އޮތް އާގުބޯޓުތަކަށެވެ.
ރަތް ކަނޑާއި ޢަދަން ކަނޑު ހުރަސްކޮށް އިސްރާއީލަށް މުދާ ގެންދާ އުޅަނދުފަހަރާއި, ޔަހޫދީންނާ ގުޅުން އޮތް އާގުބޯޓުފަހަރަށް ޙަމަލާ ދޭން ޙޫޘީން ފަށާފައި ވަނީ, 2023 އޮކްޓޫބަރު 7ވަނަ ދުވަހު ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުން ފެށި ލާއިންސާނީ ޢުދުވާނާ ދެކޮޅު ހެދުމުގެ ގޮތުންނެވެ.
ޙޫޘީންގެ ތަރުޖަމާނު ޔަޙްހާ ސަރީޢު ވިދާޅުވީ, އެ ޖަމާޢަތާއި އިސްލާމިކް ރެސިސްޓެންސް އިން ޢިރާޤުން ޚައިފާއަށް ދީފައިވާ ޑްރޯން ޙަމަލާތައް އަމާޒު ކޮށްފައި ވާނީ ސިމެންތި އުފުލާ ދެ އާގުބޯޓާއި މުދާ އުފުލާ ދެ އާގުބޯޓަށް ކަމުގައެވެ. މިއީ, "ވެރިވެގަނެފައިވާ ފަލަސްޠީނުގެ ބަނދަރުތަކަށް" ވަދެނިކުމެވާ ޔަހޫދީންގެ އުޅަނދުފަހަރަށް އަމާޒުކޮށް ދީފައިވާ ޙަމަލާތަކެއް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ޚައިފާގައި އޮތް ހަތަރު އާގުބޯޓުގެ އިތުރުން މެޑިޓެރޭނިޔަން ކަނޑުގައި ދަތުރު ކުރަމުން ދިޔަ ޝޯޓްހޯން އެކްސްޕްރެސަށް ވެސް ޙަމަލާތައް އަމާޒު ކޮށްފައިވާނެ ކަމުގައި ސަރީޢު ވިދާޅުވިއެވެ. އިސްރާއީލުގެ ޗެނަލް 12އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި, ޚައިފާއަށް ދިން ޑްރޯން ޙަމަލާތައް ދިފާޢު ކުރަން ޔަހޫދީ ފައުޖުން މަސައްކަތް ކޮށްފައިވެއެވެ. އަދި, ޙޫޘީންގެ ޙަމަލާތަކާ ގުޅިގެން ޚައިފާގައި އިންޒާރުގެ ރަނގަބީލު ޖަހާފައި ނުވާ ކަމަށާއި, ޙޫޘީން ޙަމަލާއެއް ދޭން އުޅޭ ކަމުގެ އެއްވެސް އިންޒާރެއް ޚައިފާގައި ދިރިއުޅޭ ރައްޔިތުންނަށް ޔަހޫދީ ފައުޖުން ދީފައި ނުވާ ކަމުގައި ވެސް އެ ޗެނަލުން ރިޕޯޓު ކުރިއެވެ.
މީގެ އިތުރުން, ރަތް ކަނޑުގައި ދަތުރު ކުރަމުން ދިޔަ އާގުބޯޓަކަށް ވެސް ޙޫޘީން ވަނީ ޙަމަލާތައް އަމާޒު ކޮށްފައެވެ. ކަނޑުދަތުރުގެ ވިޔަފާރިއާ ބެހޭ އިނގިރޭސިވިލާތުގެ އިދާރާ (ޔޫކޭއެމްޓީއޯ)ން ބުނީ, ޔަމަންގެ ބަނދަރުމަތީ ރަށް, އަލް-ޙުދަޔިދާގެ ހުޅަނގުން 120 ކިލޯމީޓަރު ދުރުން ދަތުރު ކުރަމުން ދިޔަ އުޅަނދަކަށް ޙޫޘީން ޙަމަލާ ދީފައިވާ ކަމުގައެވެ.
ނަމަވެސް, މި ޙަމަލާގައި އެ އުޅަނދުގައި ތިބި ފަޅުވެރިންގެ ތެރެއިން އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައި ނުވާ ކަމުގައި ވެސް އެ އިދާރާއިން ބުންޏެވެ. ޔަމަންގެ ނަޝަޠޫން ބަނދަރު ކައިރިން ދަތުރު ކުރަމުން ދިޔަ އުޅަނދަކަށް ވެސް ޙޫޘީންގެ ޙަމަލާތައް އަމާޒު ކޮށްފައިވާ ކަމުގައި ޔޫކޭއެމްޓީއޯން ބުންޏެވެ.
ޔަމަންގެ އައްސޭރިފަށުގައި ޙޫޘީން ހިންގަމުންދާ އަސްކަރީ އޮޕަރޭޝަން ހުއްޓުވުމުގެ ނަމުގައި އެމެރިކާއާއި އިނގިރޭސިވިލާތުގެ އަސްކަރިއްޔާއިން ދަނީ ގުޅިގެން މަސައްކަތް ކުރަމުންނެވެ. މި ގޮތުން, ރަތް ކަނޑުގެ ސަރަޙައްދަށް އެ ދެ ޤައުމުން ވަނީ އަސްކަރީ މަނަވަރުތައް ފޮނުވާފައެވެ. އަދި, ޙޫޘީން ހުއްޓުވުމުގެ ނަމުގައި އެމެރިކާއާއި އިނގިރޭސިވިލާތުން ދަނީ ޔަމަންގެ ޢާންމު ރައްޔިތުން ދިރިއުޅޭ ސަރަޙައްދުތަކަށް ބޮން އަޅަމުންނެވެ.