ރައީސްގެ ތައުޒިޔާ މަރްހޫމް އާރިފްގެ އާއިލާ އަށް
ކުޅިވަރުގެ ދާއިރާއަށް އަދި ވަކިން ޚާއްސަކޮށް ފުޓްބޯޅައަށް ގިނަގުނަ ޚިދުމަތްކޮށްދެއްވައި ޤައުމަށް ފަޚުރުވެރި ނަން ހޯދައިދެއްވާފައިވާ ހުނަރުވެރި ކުޅުންތެރިޔާ މުޙައްމަދު ޢާރިފު ނިޔާވުމާއި ގުޅިގެން އެ މަރްޙޫމްގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
މީސްމީޑިޔާ މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޕޯސްޓުގައި މުޙައްމަދު ޢާރިފް ނިޔާވުމަކީ ދިވެހި ހުރިހާ ރައްޔިތުންނަށް ލިބުނު ފުން ހިތާމައެއްކަމުގައި ވިދާޅުވެފައިވެއެވެ. އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވައި މަރްޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ހެޔޮ ދުޢާ ކުރައްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްވެސް ވަނީ މީސް މީޑިޔާ މެދުވެރިކުރައްވައި މަރްޙޫމް މުހައްމަދު ޢާރިފްގެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެފައެވެ.