އިންޑޮނޭޝިއާގެ ސުލަވޭސީ ޖަޒީރާގައި ފެރީއެއް އަޑިއަށް ގޮސް 15 މީހުން މަރުވެފައިވާ ކަމަށް އެ ސަރަހައްދުގެ ކަމާބެހޭ ފަރާތްތަކުން ބުނެފި އެވެ.
ރޭ ދަންވަރު ފެރީ ދިޔައިރު 40 ފަސިންޖަރުން ތިބިއިރު، ގެއްލިގެން 19 މީހަކު ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ދަނީ ކުރަމުން ކަމަށް އިންޑޮނޭޝިއާގެ ގައުމީ ސާޗް އެންޑް ރެސްކިއު އެޖެންސީން ވަނީ ބުނެފައެވެ.
ހަ ފަސިންޖަރަކު ސަލާމަތްކޮށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް އެ އިދާރާއިން ބުންޏެވެ.
"ސާޗް ކުރިއަށް ގެންދާނީ ދެ ޓީމަކަށް ބަހާލައިގެން. ފުރަތަމަ ޓީމު އެކްސިޑެންޓް ހިނގި ސަރަހައްދުގެ ވަށައިގެން ޑައިވް ކުރާނެ، އަދި ދެވަނަ ޓީމުން އެކްސިޑެންޓް ހިނގި ސަރަހައްދުގެ ފެންގަނޑުގެ މަތިން ޗެކްކުރާނެ ކަމަށް" އިރުދެކުނު ސުލަވޭސީގެ ކެންދަރީ ސިޓީގައި ހުންނަ ލޯކަލް ސާޗް އެންޑް ރެސްކިއު އެޖެންސީގެ ވެރިޔާ މުހައްމަދު އަރަފާ ނެރުނު ބަޔާނެއްގައި ބުންޏެވެ.
17،000އަށް ވުރެ ގިނަ ޖަޒީރާ އެކުލެވޭ އިންޑޮނޭޝިއާގައި ފެރީ އެކްސިޑެންޓްތަކަކީ އާންމު ކަމެއް ނޫނެވެ.
2018ވަނަ އަހަރު ސުމަޓްރާ ޖަޒީރާގެ ލޭކް ޓޯބާގައި އޯވަލޯޑް ފެރީއެއް ފުރޮޅި އަޑިއަށް ގޮސް 192 މީހުން ގެނބިގެން މަރުވެފައިވެއެވެ.
މިދިޔަ އަހަރުގެ މެއި މަހު 800 އަށް ވުރެ ގިނަ މީހުން ދަތުރުކުރި ފެރީއެއް އިރުމަތީ ނޫސާ ޓެންގަރާ ޕްރޮވިންސްގެ ކަނޑުގެ ސަރަހައްދުގައި ފަރަށް އެރި އެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.