ޗެމްޕިއަން އިޓަލީ ބަލިކޮށް ސްވިޒަރލެންޑް ކްއާޓާ ފައިނަލަށް
ޗެމްޕިއަން އިޓަލީ 2-0 ން ބަލިކޮށް، ސްވިޒަރލެންޑް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކްއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.
މުޅި މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނު ސްވިޒަރލެންޑުން ލީޑް ނެގީ ފުރަތަމަ ހާފް ނިމެން ހަތް މިނިޓަށް ވެފައި ވަނިކޮށް ރެމޯ ފްރެއުލާ ޖެހި މޮޅު ގޯލުންނެވެ.
ސްވިޒަރލެންޑުން ދެވަނަ ލަނޑެއް ޖަހާ ކްއާޓާ ފައިނަލްގެ ޔަގީންކަން ހޯދީ ދެވަނަ ހާފް ފަށައިގެން މިނިޓެއްވެސް ނުވަނީހެވެ. އޭރިޔާ ރޮނގުމަތިން ކަހަލަ ގޮތަކަށް ކޮންޓްރޯލް ކޮށްލުމަށްފަހު ރުބެން ވާގަސް ބޯޅަ އޮއްސާލީ ގޯލްގެ މަތީ ކަނަށެވެ.
ސްވިޒަރލެންޑް މުބާރާތުގެ ކްއާޓާ ފައިނަލަށް ދަތުރުކުރީ މެޗަކުން ބަލިނުވެއެވެ. 2020 ވަނަ އަހަރު ވެސް ސްވިޒަރލެންޑް ވަނީ ޔޫރޯގެ ކްއާޓާ ފައިނަލުން ޖާގަ ހޯދާފައެވެ.