އަލިފާނުގެ ހާދިސާގައި އަނިޔާވި އެކަކު ހާލު ސީރިއަސް، ވެންޓިލޭޓަރުގައި ފަރުވާ ދެނީ
މިއަދު މާލޭގެ ގެއެއްގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާގައި އަނިޔާވި އެކެއްގެ ހާލު ސީރިއަސްވި އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.
މާފަންނު މ. އެންޒިއަންގޭގެ ތިން ވަނަ ފަންގިފިލާގައި ހިނގާފައިވާ މިހާދިސާގައި އެއެޕާޓްމަންޓް ވަނީ ދިރިނޫޅެވޭ ވަރަށް އަނދާ ގެއްލުން ވެފައި ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.
ނަމަވެސް އަލިފާން ރޯވާން މެދުވެރިވި ސަބަބެއް އަދި ނޭނގެއެވެ.
ދުމުގެ އަސަރުކޮށްގެން 4 މީހަކު އައިޖީއެމްއެޗަށް ގެންގޮސްފައި ވާކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
އަދި އަނިޔާ ލިބުނު މީހާގެ އާއިލާއިން ކަށަވަރުށްދީފައިވާ ގޮތުގައި އޭނާގެ ހާލު ސީރިއަސްވެ މިހާރު ފަރުވާ ދެމުންދަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސޕިޓަލް ގެ އައިސީޔޫ ގައި ވެންޓިލޭޓަރުގައި ބައްވައިގެންނެވެ. އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވެފައިވާ ގޮތުގައި ދެން ތިބި ތިން މީހުންނަށް ފަރުވާ ދެމުން ދަނީ އައިޖީއެމްއެޗް އެމަޖެންސީ އެވެ.
މި އަލިފާނުގެ ސަބަބުން އެޕާރޓްމެންޓްގައި ދިރިނޫޅެވޭ ވަރަށް އެޕާރޓްމެންޓް އަދި އެޕާރޓްމެންޓް ގައިވާ ތަކެތި ހަލާކުވުމާއި ގުޅިގެން ނޭޝަނަލް ޑިޒާސްޓަ މެނޭޖްމެންޓް އޮތޯރިޓީން ވަނީ އެޕާޓްމަންޓުގައި އުޅުނު 4 މީހުންނަށް ވަގުތީ ހިޔާއެއް ހަމަޖައްސައިދީފައެވެ.
އެމްއެންޑީއެފް އިން ބުނީ މ. އެންޒިއަންގޭގެ ތިން ވަނަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާގައި އެ ފަންގިފިލާގައި ހުރި ގިނަ އަދަދެއްގެ ތަކެއްޗަށް ގެއްލުން ވެފައިވާ ކަމަށާއި، އަލިފާން ރޯވިތާ މާގިނައިރުތަކެއް ނުވެ ސިފައިން އެ އަލިފާން ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ.