އިނގިރޭސި އާ ބޮޑުވަޒީރަށް ރައީސްގެ ތަހުނިޔާ
އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަން އަލަށް އިންތިހާބުވެވަޑައިގަތް ކެޔާ ސްޓާމާ އިންތިޚާބުވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާ ޕޯސްޓެއްގައި އެ މަނިކުފާނު ވަނީ އިނގިރޭސިވިލާތުގެ ބޮޑުވަޒީރަކު އިންތިޚާބުކުރުމަށް ބޭއްވި ޢާންމު އިންތިޚާބު، ލޭބަރ ޕާޓީގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓު ސްޓާމަ ކާމިޔާބުކުރެއްވުމާ ގުޅިގެން އެ ޕާޓީއަށާއި އާ ލީޑަރަށް ތަހުނިޔާ ވިދާޅުވާ ކަމަށެވެ.
އަދި އޭނަގެ ޒަޢާމަތުގައި އިނގިރޭސިވިލާތް އިތުރު ތަރައްގީ އާއި ކުރިއެރުމަށް އެދިވައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.ރައީސް ވިދާޅުވީ އާ ބޮޑުވަޒީރުގެ ޒަޢާމަތުގައި ރާއްޖެ އާއި އިނގިރޭސިވިލާ ދެމެދު ގުޅުން އިތުރަށް ބަދަހިކޮށް، ދުނިޔެއަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެކީގައި މަސައްކަތް ކުރެއްވުމަށް އުންމީދު ކުރައްވާ ކަމަށެވެ.
އިނގިރޭސިވިލާތުގެ އާންމު އިންތިހާބުގެ އެގްޒިޓް ޕޯލުން ދައްކާގޮތުން ލޭބަ ޕާޓީ އަށް ގާނޫނު ހަދާ މަޖިލީހުގެ 410 ގޮނޑި ކާމިޔާބު ކުރެވޭނެ އެވެ. މިހާރު ވެރިކަމުގައި އޮތް އިނގިރޭސި ބޮޑުވަޒީރު ރިޝީ ސުނާކުގެ ކޮންޒަވެޓިވް ޕާޓީ އަށް ލިބޭނީ 131 ގޮނޑި ކަމަށް ވަނީ ލަފާކޮށްފަ އެވެ. ގާނޫނު ހަދާ މަޖިލީހުގެ ބާކީ ހުރި ގޮނޑިތައް ބެހިފައިވާ ގޮތަށް ބަލާއިރު ލިބެރަލް ޑިމޮކްރެޓްސް އަށް 61 ގޮނޑި ،ސްކޮޓިޝް ނެޝަނަލް ޕާޓީ އަށް 10 ގޮނޑި، ރިފޯމް ޔޫކޭ އަށް 13 ގޮނޑި، ގްރީންސް ޕާޓީއަށް ދެ ގޮނޑި އެވެ.
ޔޫކޭގެ އެގްޒިޓް ޕޯލުގެ ނަތީޖާ އާންމުކޮށް ބަރާބަރަށް ދިމާވާ އިރު، މި ނަތީޖާ އަށް މާބޮޑު ބަދަލެއް އަންނާނެ ކަމަކަށް ނުބެލެވެ އެވެ. މިއީ 2010 އަށް ފަހު ޔޫކޭގެ ވެރިކަމަށް ލޭބާ ޕާޓީން އަންނަ ފުރަތަމަ ފަހަރެވެ.