ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުއެކީގައި ބާއްވަން ޤާނޫނު އަސާސީއަށް އިޞްލާހު ގެންނަނީ
ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުއެކީގައި ބާއްވަން ޤާނޫނު އަސާސީއަށް އިޞްލާހު ގެންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެންސީ ހަރުގޭގައި ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރައްޔިތުން ބޭނުންވާނަމަ، މިދެއިންތިޙާބު އެއްކޮށް ބާއްވާ ގޮތަށް ގާނޫނަށް އިސްލާޙު ގެންނަވާނެ ކަމަށާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށް ވާނީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުންކަމަށެވެ. ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް 120 މިލިއަނަށްވުރެ ގިނަ ރުފިޔާ އަދި ރިޔާސީ އިންތިޚާބުގެ 2 ބުރަށް 180 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވެފައިވާ ކަމަށާއި މިފަދައިން ގާނޫނަށް ބަދަލު ގެނެސް ދެއިންތިހާބު އެއްކޮށް ބޭއްވުމުގެ ސަބަބުން އެތައް ގުނައަކުން ޚަރަދު ކުޑަވާނެކަމަށް ރައީސް ވިދާޅުވިއެވެ.
"ކުޑަރަށެއްގެ މީހުން ބޮޑު ރަށަކަށް ބަދަލުކުރަންވިޔަސް އެ ފައިސާއިން ކުރެވޭނެ. އެއަށްވުރެ ކުދިކުދި ކަންކަމަށް ބަލާއިރު އެތައް އާއިލައަކަށް ކަމެއް ކޮށްދެވޭނެ ޢަދަދެއް އެއީ. މި ދެ އިންތިޚާބު އެކުއެކީގައި ބޭއްވިއްޖެނަމަ އެއީ ރައްޔިތުންނަވެސް ވަރަށް ފަސޭހަ ކަމަކަށް އެބަވޭ. ރައްޔިތުން ބޭނުންވާގޮތަށް ދައުލަތުގެ ބާރުތަކަށް މީހުން ހޮވާއިރު ވެރިކަން ކުރުމުގެ ބާރާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ހޮވާ ބޭފުޅުން ހޮވުމުގައި އެ ވިސްނުމުގައި ކުރުމަށް ފަސޭހަވެގެންދޭ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. މިރޭގެ ޖަލްސާގައި ރައީސް އިތުރަށް ވިދާޅުވީ މި އިސްލާޙު ގެނެވޭނީ ރައްޔިތުންގެ ޚިޔާލު ހޯދައިގެންކަމުން، މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް ދައުރަށް މިއަހަރުގެ ތެރޭގައި އެ އިޞްލާހު ހުށައަޅުއްވާނެކަމަށެވެ.
"ޤާނޫނު އަސާސީއަށް އިޞްލާހު ގެނެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައިގެން. ރައްޔިތުން މިގޮތަށް ނިންމައިދެއްވައިފިއްޔާ ޤާނޫނު އަސާސީއަށް އިޞްލާހު ގެނެސް 2028ގައި މިދެ އިންތިޚާބު އެކުއެކީގައި ބޭއްވުމަކީ އަޅުގަނޑު ދެކޭގޮތުގައި އެންމެ ރަނގަޅު ގޮތް. ރައްޔިތުން އެގޮތަށް ނިންމަވާދެއްވާނެކަން އަޅުގަނޑު ޔަޤީންކުރަން." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. އިލެކްޝަންސް ކޮމިޝަނުންވެސް ވަނީ ރާއްޖޭގައި ބޮޑެތި އިންތިޚާބުތައް ވަކިވަކިން ބޭއްވުމަކީ ވަރަށް ޚަރަދު ބޮޑުކަމެއްކަމަށް މީގެ ކުރިން ވިދާޅުވެފައެވެ. އެގޮތުން އިލެކްޝަންސް ކޮމިޝަންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އަދި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ވަކިވަކިން ބޭއްވުމަށް ކުރާ ޚަރަދު އަހަރުންއަހަރަށް ދަނީ އިތުރުވަމުންނެވެ.