ހުއްދަނެތި މަސައްކަތް ކުރުވާ ދިވެހިން ބޮޑު އަދަދަކުން ޖޫރިމަނާ ކުރެވިދާނެ: ކޮންޓްރޯލާރ ޖެނެރަލް
ބިދޭސީން ލައްވާ ހުއްދަނެތި މަސައްކަތް ކުރުވާ ދިވެހިން ބޮޑު އަދަދަކުން ޖޫރިމަނާ ކުރެވިދާނެ ކަން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްޢާން ވަޙީދު ހަނދާންކޮށްދެއްވައިފިއެވެ.
ރާއްޖޭގައި ބިދޭސީންގެ މައްސަލަ ބޮޑުވެފައިވާ މި ދަނޑިވަޅުގައި
ނުގަވާއިދުން އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިހާތަނަށް ގަވައިދާއި ހިލާފަށް ރާއްޖޭގައި އުޅެ ވިޔަފާރި ކުރަމުން އަންނަ ގިނަ އަދަދެއްގެ ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި ޝަމްޢާން ވަނީ އިމިގްރޭޝަން ޤާނޫނުގެ 30 ވަނަ މާއްދާގެ ދަށުން ރާއްޖޭގައި ބިދޭސީންނާއެކު މުއާމަލާތްތައް ހިންގާ ދިވެހިން، މަސައްކަތް ކުރުމުގެ ހުއްދަ ނެތް ބިދޭސީއަކު ލައްވާ ރާއްޖޭގައި އެއްވެސް މަސައްކަތެއް ކުރުވުމަކީ ކުށެއް ކަމަށް ވިދާޅުވިއެވެ.
އަދި އެފަދަ ފަރާތްތައް އެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ށ)ގެ ދަށުން، 50،000 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކޮށް، އެމީހެއްގެ ޕާސްޕޯޓް ވަކި މުއްދަތަކަށް ހިފެހެއްޓުމުގެ އިހުތިޔާރު، ކޮންޓްރޯލަރ އޮފް އިމިގްރޭޝަނަށް ލިބިގެންވާ ކަމަށާއި އެންމެހާ ފަރާތްތަކުން ވެސް އެކަމަށް ސަމާލުވެ، ހެދިފައިވާ ގަވައިދުތަކަށް އަމަލު ކުރެއްވުމަށް ޝަމްޢާން އިލްތިމާސް ކުރެއްވިއެވެ.
"އަޅުގަނޑު އިލްތިމާސްކުރަނީ އެންމެހާ ފަރާތްތަކުންވެސް އިމިގްރޭޝަންގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ އެއްގޮތަށް ޢަމަލު ކުރެއްވުމަށް." އެކްސްގައި ކުރި ޕޯސްޓްގައި ޝަމްޢާން އިލްތިމާސް ކުރެއްވިއެވެ.
ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން މައްސަލަ ހައްލު ކުރުމަށް އިމިގްރޭޝަނުން ދަނީ ޚާއްސަ ރެއިޑް އޮޕަރޭޝަންތަކެއް ކުރިއަށް ގެންދަމުންނެވެ. އެގޮތުން ހުސްވި މަހު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިނގި ރެއިޑް އޮޕަރޭޝަނެއްގައި 83 ބިދޭސީއަކު ހައްޔަރުކޮށް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ކުރިއަށް ގެންދާ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށް ޝަމްޢާން ވިދާޅުވިއެވެ.