ބްރޯޑްކާސްޓިން ދާއިރާގައި މަސައްކަތް ކުރާ ނޫސްވެރިންގެ ދަފްތަރެއް އެކުލަވައިލައި ފާސްދޫކުރަނީ
ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް ބާރު އެޅުމުގެ ގޮތުން ނޫސްވެރިން އެކްރެޑިޓްކޮށް، ނޫސްވެރިންގެ ދަފްތަރެއް އެކުލަވާލައި ފާސް ދޫކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން ބްރޯޑްކޮމް އިން އުސޫލެއް ކަނޑައަޅައިފިއެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން ބްރޯޑްކޮމް އިން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި ނޫސްވެރިން އެކްރެޑިޓް ކުރުމުގެ މަގުސަދަކީ ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް ބާރު އެޅުމާއި ނޫސްވެރިންގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތަކުގެ ތައުލީމާއި ތަޖްރިބާ ކަނޑައެޅުން ކަމަށެވެ.
ބްރޯޑްކޮމް އިން ބުނެފައިވާ ގޮތުގައި ބްރޯޑްކާސްޓިން ދާއިރާގައި މަސައްކަތް ކުރާ ނޫސްވެރިންގެ ދަފްތަރެއް އެކުލަވައިލުމާއި އެ ދާއިރާގައި މަސައްކަތްކުރާ ނޫސްވެރިންނަށް ފާސްދޫކުރުމަކީ ވެސް ނޫސްވެރިން އެކްރެޑިޓް ކުރުމުގެ މަގުސަދެއް ކަމަށެވެ.
އެކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި ފާސް ދޫކުރާނީ ބްރޯޑްކާސްޓިން އަދި ކޮމިއުނިކޭޝަން ދާއިރާ އާއި ދާއިރާއާ ގުޅުން ހުރި އެހެނިހެން ދާއިރާތަކުން ދަށްވެގެން އެމްކިއުއޭ ލެވެލް ތިނެއްގެ ސެޓްފިކެޓެއް ހާސިލް ކޮށްފައިވާ ފަރާތްތަކަށް ކަމަށާއި އެ ދާއިރާއިން މަދުވެގެން ތިން އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ކަމަށެވެ.
ފާސް ދޫކުރުމަށް ހާއްސަ ތަމްރީން ޕްރޮގްރާމެއް ހަދަން ޖެހޭ ކަމަށް އެ އުސޫލުގައި ވަނީ ބުނެފައެވެ. އޭގެ ތެރޭގައި:
* ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް (ސުލޫކީ މިންގަނޑު)
* ބްރޯޑްކާސްޓްކުރާއިރު ކުޑަކުދިން ހިމާޔަތްކުރުމުގައި އަމަލުކުރަންވީ ގޮތް
* ބްރޯޑްކާސްޓްކުރުމުގައި އަންހެނުންގެ ހައްގުތައް ހިމާޔަތް ކުރުމުގައި އަމަލުކުރަންވީ ގޮތް
* ގުދުރަތީ ކާރިސާތަކާއި ހިތާމަވެރި ހާދިސާތައް ކަވަރުކުރުމުގައި އަމަލުކުރަންވީ ގޮތް
* މުޒާހަރާއާއި ހަލަބޮލި ހާލަތްތައް ކަވަރުކުރުމުގެ ގައިޑްލައިން
* އިންތިހާބުގެ ދުވަސްވަރު ސިޔާސީ ކޮންޓެންޓް ބްރޯޑްކާސްޓްކުރުމުގެ ގައިޑްލައިން
އެ ކޮމިޝަނުން ނެރެފައިވާ ބަޔާނުގައި ބުނެފައިވާ ގޮތުގައި މި ތަމްރީނުގައި ބައިވެރިވެވޭނީ 100 ރުފިޔާ ދައްކައިގެން ކަމަށެވެ. އަދި ތަމްރީން ފުރިހަމަ ކުރުމަށްފަހު ދޫކުރާ ކާޑު ފަސް އަހަރުގެ މުއްދަތަށް ބޭނުން ކުރެވޭނެ ކަމަށެވެ.