ކަސްޓަމްސްގެ ގާނޫނާ ހިލާފަށް އޮޅުވާލައިގެން އެތެރެކުރި 22 ވެހިކަލެއް
ކަސްޓަމްސްގެ ގާނޫނާ ހިލާފަށް އަމިއްލަ މީހަކު ޕްލައިވުޑް އަދި ޓިމްބާ ގޮތުގައި ވަގަށް އެތެރެކުރި ވެހިކަލްތަކެއް ދައުލަތަށް ނަގަން ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
ކަސްޓަމްސް އިން ވަނީ އެމްޕީއެލް ބަނދަރުން ދެ ކޮންޓެއިނަރެއްގައި ވެހިކަލްތަކެއް ނެރެފައިވާ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައެވެ. އެދެ ކޮންޓެއިނަރުގައި 22 ވެހިކަލާއި ސްޕެއާ ޕާޓްސްތައް އެތެރެކޮށްފައިވާއިރު، އެ ތަކެތި އޭނާ އެތެރެ ކޮށްފައި ވަނީ ކަސްތާމްގެ ގަވައިދާ ހިލާފަށް ވަގަށެވެ.
ރާއްޖެއަށް މުދަލުގެ ގޮތުގައި ވަގަށް ވެހިކަލްތަކެއް އެތެރެކުރި ކަން ވަނީ ތަހުގީގުގައި ސާބިތުވެފައި ކަމަށާއި އެމުދާ ދައުލަތަށް ނަގައިދިނުމަށް ކަސްޓަމްސް އިން ކޯޓުގައި އެދިފައިވެއެވެ.
އެ ވެހިކަލްތަތަކީ ދައުވާ ލިބޭ މީހާ އާ ގުޅުމެއް ހުރި ތަކެތި ނޫން ކަމަށް އޭނާ ބުނެފައިވީ ނަމަވެސް، އެ މުދާ އެތެރެކޮށްފައި ވަނީ އޭނާގެ ޔޫސާ ނޭމާއި ޕާސްވާޑް ބޭނުންކޮށްގެން ކަމަށާއި އަދި އެ ލޮގިން ބޭނުން ކުރީ އޭނާ ނޫން ކަމަށް ކޯޓުގައި ސާބިތުކޮށްދެވިފައި ނުވާ މިމައްސަލައިގައި ޙުކުމް ކުރައްވަމުން ގާޟީ ވިދާޅުވިއެވެ.
އަދި އެމުދަލަކީ ކަސްޓަމްސް ގަވާއިދާއި ޚިލާފަށް އެތެރެކޮށްފައިވާ މުދާކަން މަދަނީ މިންގަނޑުން ސާބިތުވާތީ 22 ވެހިކަލާއި ސްޕެއާ ޕާޓްސްގެ މައްޗަށް ހިމެނޭ މުދަލަކީ ދައުލަތަށް ނެގުމުގެ އަމުރު ދެވިފައިވާ މުދާ ކަމަށް ކަނޑައަޅާ ސިވިލް ކޯޓުން ޙުކުމް ކޮށްފައިވެއެވެ.