އެކަށީގެންވާ މިންވަރަށްވުރެއް އިތުރަށް ބާރުގެ ބޭނުންކޮށްގެން މީހަކު ހައްޔަރު ކުރި ފުލުހުންގެ މައްޗަށް އަދި ފިޔަވަޅު ނާޅަން: ފުލުހުން
އެކަށީގެންވާ މިންވަރަށްވުރެއް އިތުރަށް ބާރުގެ ބޭނުންކޮށްގެން އަނިޔާވެރި ގޮތަކަށް މީހަކު ހައްޔަރު ކުރި މައްސަލައިގައި ފުލުހުންގެ މައްޗަށް އަދި އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.
މި މަހުގެ 4 ވަނަ ދުވަހު އަނިޔާވެރި ގޮތަކަށް ފުލުހުންގެ ދެ އޮފިސަރަކު ވެގެން އެކަށީގެންވާ މިންވަރަށްވުރެއް އިތުރަށް ބާރުގެ ބޭނުންކޮށްގެން އަނިޔާވެރި ގޮތަކަށް މީހަކު ހައްޔަރު ކުރަން މަސައްކަތް ކުރަން އުޅުނު ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.
ސޯޝަލް މީޑިއާގައި އާންމު ވީޑިއޯގައި ދެފުލުހުން ވެގެން މީހަކު ހައްޔަރު ކުރުމަށްޓަކައި މީހަކު ބިންމައްޗަށް ވައްޓައިލައިގެން އެއްފުލުހަކު އޭނާގެ މޭމައްޗާއި ކަރާ ހިސާބުގައި ކަކޫ އަޅުވައިގެން ހުންނަ މަންޒަރު ފެނިގެންދެއެވެ. އަދި އިތުރު ފުލުހަކު އޭނާގެ އަތް ލަންބަން މަސައްކަތް ކުރާ ތަންވެސް ފެނިގެން ދެއެވެ.
ހާލަތަށް އެކަށީގެން ނުވާ މިންވަރަށް ބާރުގެ ބޭނުންކުރާތަން ފެނިގެންދާ މިވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވުމާއި ގުޅިގެން އާންމުން ވަނީ މިކަމަށް ނުރުހުން ފާޅުކޮށް ފާޑު ކިޔާފައެވެ.
އެހެންނަމަވެސް ފުލުހުންގެ މީޑިއާ އޮފިޝަލަކާއި ހަވާލާދީ ރާއްޖޭގެ އޮންލައިން ނޫހެއްކަމަށްވާ ސަން އޮންލައިން އިން ރިޕޯޓްކޯށްފައިވާ ގޮތުގައި މިމައްސަލާ އަދިވެސް ދަނީ ތަހުގީގުކުރަމުން ކަމަށާއި އަދި މިހާތަނަށް އެ އޮފިސަރުންނަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މިފަދަ އެއްވެސް އަމަލެއް ހިންގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އަނިޔާވެރި އެއްވެސް އަމަލަކަށް ފުލުހުންގެ ޚިދުމަތުން ހިތްވަރު ނުދޭނެ ފުލުހުންގެ ތަރުޖަމާން އެސިސްޓެންޓް ކޮމިޝަނަރު އަޙުމަދު ޝިފާން މީގެ ކުރިން ވިދާޅުވިއެވެ.
އަދި މި ހާދިސާ ތަހުގީގު ކުރުމަށް ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑް އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންގައި ފުލުހުން މިހާރު އެދިފައިވާ ކަމަށް ވެސް ޝިފާން ވިދާޅުވިއެވެ.