ރާއްޖޭގައި ހައްގުތައް ދެވޭނީ އިސްލާމް ދީނާ އެއްގޮތްވާ ގޮތުގެ މަތިން: އުޝާމް
ރާއްޖޭގައި ހައްގުތައް ދެވޭނީ އިސްލާމް ދީނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
މަދަނީ އަދި ސިޔާސީ ހައްގުތަކާއި މިނިވަންކަން ލިބިދިނުމަށް އެކުލަވައިލައިފައިވާ މުއާދަހާއެއް ކަމަށްވާ އ.ދގެ އިންޓަނޭޝަނަލް ކޮވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (އައިސީސީޕީއާރު) އަށް ރާއްޖެއިން އަމަލުކުރާ މިންވަރާ ގުޅޭ ރިޕޯޓެއް، އދ.ގެ ހިއުމަން ރައިޓްސް ކޮމިޓީއަށް ރާއްޖެއިން އިއްޔެ އާއި މިއަދު ހުށަހަޅައިފައެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި ރާއްޖެއިން ހުށަހަޅާފައިވާ ރިޕޯޓަކީ ޖުލައި 2012އިން މާޗު 2022ގެ ނިޔަލަށް ރާއްޖެއިން ކޮށްފައިވާ މަސައްކަތްތަކާގުޅޭ މައުލޫމާތު ހިމަނައިފައިވާ ރިޕޯޓެކެވެ.
ސްވިޒަލޭންޑްގެ ޖެނީވާގައި ބޭއްވި އެ ކޮމިޓީ ބައްދަލުވުމުގައި ބަންޑާރަ ނައިބުގެ އޮފީހުގެ އުޝާމް އާއި ރައީސް އޮފީހާއި ޚާރިޖީ، ދާހިލީ އަދި އާއިލީ ތަރައްގީއާ ބެހޭ މިނިސްޓްރީން ބައިވެރިވިއެވެ.
އެބައްދަލުވުމުގައި އުޝާމް ވިދާޅުވީ އިސްލާމްދީނަކީ ދިވެހި ރައްޔިތުކަމުގެ މައިގަނޑު އެއް އަސާސްކަމަށާއި، އެއީ ދިވެހި މުޖުތަމައުގައި ބަދަލުކުރުމަށް ޖާގަ ނުދެވޭނެ އަސްލެއްކަމަށެވެ. އަދި ރާއްޖޭގެ ހިންގުމުގެ ނިޒާމާއި ގާނޫނީ އޮނިގަނޑު ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލި އަޅުއްވާލައްވައި، ރާއްޖޭގައި އައިސީސީޕީއާރުގެ ހައްގުތައް ލިބިދެވޭނީ، ގާނޫނުއަސާސީއާއި، ގާނޫނުތަކާއި، އިސްލާމްދީނުގެ އަސްލުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަމަށް އުޝާމް ވިދާޅުވިއެވެ.
ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ނެރުނު ބަޔާނުގައި ރާއްޖޭގެ ހިންގުމުގެ ނިޒާމާއި ގާނޫނީ އޮނިގަނޑު ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލި އަޅުއްވާލައްވައި، ރާއްޖޭގައި އައިސީސީޕީއާރުގެ ހައްގުތައް ލިބިދެވޭނީ، ގާނޫނުއަސާސީއާއި، ގާނޫނުތަކާއި، އިސްލާމްދީނުގެ އަސްލުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަމަށް އޭނާ ވިދާޅުވި ކަމަށް ބުނެފައިވެއެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި ރާއްޖޭގެ ރިޕޯޓާއެކު، އދ.ގެ ހިއުމަން ރައިޓްސް ކޮމިޓީއާ ހިއްސާކުރި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް، އެ ކޮމިޓީއަށް ފާހަގަވާ ކަންތައްތަކާއި ރަނގަޅުކުރަން ޖެހޭ ކަންތައްތައް މިމަހުގެ 19ގައި ސަރުކާރާ ހިއްސާކުރާނެ ކަމަށެވެ.
ރާއްޖެއިން މިފަހުން ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ އެއްބަސްވުމެއްގައި ބައިވެރިވާން ނިންމުމާ ގުޅިގެން، އެ އެއްބަސްވުމުން ކަށަވަރުކޮށްދޭ ހައްގުތަކުގެ ތެރޭގައި ދީނާ ޚިލާފު ކަންތައްތަކެއް ހިމެނޭ ކަމަށް ބުނެ ބައެއް މީހުން ކަންބޮޑުވުން ފާޅުކުރިއެވެ.
ރާއްޖެއިން އައިސީސީޕީއާރުގައި ސޮއިކޮށްފައިވަނީ ރާއްޖޭގެ ގާނޫނުއަސާސީ އާއި ފުށުއަރާ މާއްދާތައް 'ރިޒާވޭޝަން' ގައި ބަހައްޓާއިގެންނެވެ.