ޒުވާން އާބާދީގެ 19 ޕަސެންޓް މީހުންނަކީ އެއްވެސް މަސައްކަތެއް ނުކުރާ ބައެއް
ރާއްޖޭގެ ޒުވާން އާބާދީގެ 19 ޕަސެންޓް މީހުންނަކީ އެއްވެސް މަސައްކަތެއް ނުކުރާ ބައެއްކަމަށް އެންމެ ފަހުގެ ތަފާސްހިސާބުން ދައްކައިފި އެވެ.
ސްޓެޓިސްޓިކްސް ބިއުރޯ އިން މިއަދު ފާހަގަކުރާ ދުނިޔޭގެ އާބާދީ ދުވަހާ ގުޅިގެން ބުނެފައިވަނީ އުމުރުން 15-24 އަހަރާ ދެމެދުގެ ކޮންމެ ފަސް މީހުންގެ ތެރެއިން އެކަކަކީ ތައުލީމާއި ތަމްރީން ނުވަތަ ވަޒީފާއެއް އަދާނުކުރާ މީހެއް ކަމަށެވެ. އެއީ 10،414 މީހުންނެވެ.
މީގެ ދެ އަހަރު ކުރިން ހެދި ބޯހިމެނުމުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގައި 382،639 ދިވެހިން ދިރިއުޅޭއިރު، އޭގެތެރެއިން 53،537 އަކީ ޒުވާން އާބާދީއެވެ. ޒުވާނުންގެ ތެރެއިން ކިޔެވުމާއި ވަޒީފާ އަދާކުރުމާ ގުޅޭ ކެޓަގަރީއަށް ބަލާއިރު ގިނަ ޒުވާނުންނަކީ ހަމައެކަނި ވަޒީފާ އަދާކުރާ މީހުންނެވެ. އެގޮތުން 15-24 އަހަރާ ދެމެދުގެ 34.2 ޕަސެންޓް މީހުން އަދި ތައުލީމު ހާސިލްކުރަމުންދާއިރު، 34 ޕަސެންޓް މީހުން ބުނެފައިވަނީ ލޭބަ ފޯސް އިން ބޭރުގައި އުޅޭ ކަމަށެވެ.
މީގެއިތުރުން، 14.5 ޕަސެންޓް މީހުން ތައުލީމެއް ވެސް އަދި ލޭބަ ފޯސް އިން ވެސް ބޭރުގައި ތިބިއިރު، ވަޒީފާ އަދާކުރަމުން އަދި ކިޔަވަމުން އަންނަ ކަމަށް ބޯހިމެނުމުގައި ބުނެފައިވަނީ 11.1 ޕަސެންޓެވެ. ކިޔެވުމާއި ވަޒީފާގައި ވެސް ނޫޅޭ ކަމަށް ފަސް ޕަސެންޓް އަދި ކިޔަވަމުން އައި ނަމަވެސް ވަޒީފާ އަދާނުކުރާ ކަމަށް 1.2 ޕަސެންޓް ބުނެފައިވެ އެވެ.
ސްޓެޓިސްޓިކްސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި ރާއްޖޭގައި މަސައްކަތްކުރާ އާބާދީގައި 300،422 މަސައްކަތްކުރާ އާބާދީ ކަމަށެވެ. ދިވެހިންގެ އަދަދަކީ 171،130 އަދި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ކަމަށް 2022 ވަނަ އަހަރުގެ ބޯހިމެނުމުގެ ނަތީޖާއިން ދައްކަ އެވެ.