އަމާޒަކީ އެސްޓިއޯ ކާބަން ނިއުޓްރަލް ކުންފުންޏަކަށް ހެދުން: ޝިމާދް
ކާބަން ނިއުޓްރަލް ކުންފުންޏަކަށް އެސްޓިއޯ ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އެސްޓިއޯ އިން މަސައްކަތް ކުރަމުންދަނީ ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކުންފުނީގެ އޮޕަރޭޝަން މަސައްކަތްތައް ކުރުމަށް ކަމަށް އެސްޓިއޯގެ އަހަރީ އާއްމު ޖަލްސާގައި ވާހަކަ ދައްކަވަމުން އެކުންފުނީގެ އެމްޑީ ޝިމާދު ވިދާޅުވިއެވެ.
ޝިމާދު ވިދާޅުވީ 2030 ވަނަ އަހަރު އަންނަ އިރު، އެސްޓިއޯގެ އޮޕަރޭޝަބްތަކުން ޖައްވަށް ބޭރުކުރާ ވިހަ 25 ޕަސެންޓަށް ކުޑަކޮށް 2050 ވަނަ އަހަރަށް އެ ކުންފުންޏަކީ ކާބަން ނިއުޓްރަލް ކުންފުންޏަކަށް ހެދުން ކަމަށެވެ.
"އަޅުގަނޑުމެން ބޭނުންވާ އަމާޒަށް ވާސިލްވުމަށް އެސްޓީއޯ އޮޕަރޭޝަންތަކުން ޖައްވަށް ބޭރުކުރާ ވިހަ 2030 ވަނަ އަހަރަށް އަންނަ އިރު 25 ޕަސެންޓަށް ކުޑަކޮށް 2050 ވަނަ އަހަރަށް އެ ކުންފުންޏަކީ ކާބަން ނިއުޓްރަލް ކުންފުންޏަކަށް ހެދުމަށް މި ދަނީ މަސައްކަތް ކުރަމުން،" އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން މި އަމާޒަށް ވާސިލްވުމަށް މިހާރު ވެސް ހަކަތަރި ލޭބަލްގެ ހޯމް-އެޕްލަޔަންސްތައް ވިއްކުން ފަދަ އެކި މަސައްކަތްތައް އެކި ފެންވަރުގައި ކުރަމުންދާ ކަމަށް ޝިމާދު ވިދާޅުވިއެވެ.
ރޭ ވީއައިއޭ ސީޕްލޭން ޓާމިނަލުގެ ނީރި ލައުންޖުގައި ބޭއްވި ޖަލްސާގައި ކުންފުނީގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ޝިމާދު ވިދާޅުވިއެވެ. އެގޮތުން، އެ ކުންފުނީ އީކޮމާސް ވަރުގަދަ ކުރުމާއި، މަސައްކަތްތައް ޑިޖިޓައިޒް ކުރުމާއި، ކުންފުނީގެ އިމާރާތްތަކުގެ އިންފްރާސްޓްރަކްޗާ ވަރުގަދަ ކުރުމާއި، ބިލްޑިންތައް ޒަމާނީ ފެންވަރަށް ބަދަލުކޮށް ސްޓޯރޭޖް އިތުރު ކުރުމުގެ މަސައްކަތްތައް ހިންގުމަށް ރާވާފައި ހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.