މެންބަރު ސައުދާ ހުލުމާލެއިން ބިމެއް ގަތް ޚަބަރު ދޮގުކޮށްފި
ނިލަންދޫ ދާއިރާގެ މެންބަރު ފާތުމަތު ސައުދާ ހުލުމާލެއިން ބިމެއް ގަތް ކަމަށް ބުނެ ފަތުރަމުންދާ ވާހަކަ ދޮގުކޮށްފިއެވެ.
ރާއްޖޭގެ އޮންލައިން ނޫހެއްކަމަށްވާ ދިޔަވަރު ނޫހުން ވަނީ ހުޅުމާލޭ ބީޗް ފްރަންޓުން 9 މިލިޔަން ރުފިޔާއަށް ސައުދާ ބިމެއް ގަނެފައިވާ ކަމަށް ރިޕޯޓް ކޮށްފައެވެ.
މިއީ ދޮގު ޚަބަރެއް ކަމަށާއި އެބިން އޮތް ތަން ބަލަން ބޭނުން ކަމަށް ނިލަންދޫ ދާއިރާގެ މެންބަރާއި ހަވާލާދީ ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ ވަގުތު ނޫހުން ރިޕޯޓްކޮށްފައިވެއެވެ.
މީގެ އިތުރުން ގޯއްޗެއް ގަނެފައިވާކަން އެނގުނީ ހަބަރެއްގައި ލިޔެފައި އޮއްވާ ސޯޝަލް މީޑިއާއިން ފެނުމުން ކަމަށް ސައުދާ ވިދާޅުވި ކަމަށް ވަގުތު ނޫހުން ރިޕޯޓްކޮށްފައިވެއެވެ.
މީޑިއާތަކުގައި ބިރެއް ނެތި ދޮގު ވާހަކަ ރިޕޯޓް ކުރަމުންދާތީ ކަންބޮޑުވުން ފާޅުކުރަމުން ސައުދާ ވިދާޅުވީ ހުޅުމާލެއިން ބިމެއް ގަނެފައިވާ ކަމަށް ބުނެ ފަތުރަމުން ގެންދާ ވާހަކަ އަކީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށާއި މީޑިއާތަކުން މިފަދަ ބޮޑެތި ދޮގުތައް ފަތުރަމުން ދަނީ އެއްވެސް ބިރެއް ނެތި ކަމަށެވެ.
"އަޅުގަނޑަށް ވެސް ފެނުނީ އެފްބީގައި ލިޔެފަ އޮތްވާ. އަޅުގަނޑު ވެސް ބޭނުން ތި ބިމެއް އޮތްތަން ބަލަން. އެއްވެސް ބިރެއް ނެތި މިފަދަ ބޮޑެތި ދޮގު އެހާ ފަސޭހައިން ހަދަނީ ކިހިނެއްބާއޭ ހިތަށް އަރާ. ކަނޑައެޅިގެން ދޮގެއް އިނގޭތޯ." ސައުދާ ވިދާޅުވިއެވެ.