ޕޯސްޓް މެދުވެރިކޮށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފި
ޕޯސްޓް މެދުވެރިކޮށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ޕޯސްޓްވެދުވެރިކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ތ. ތިމަރަފުއްޓަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ ފިރިހެނެއް ކަމަށެވެ.
މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ބަންދުގައި ބަހައްޓައިގެން މައްސަލަ ތަހުގީގު ކުރުމަށް 30 ދުވަހުގެ މުއްދަތެއް ދީފައެވެ.
އޭނާގެ ބަންދުގެ އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި ފުލުހުން ވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ވަރަށް ހެކި ހުށަހަޅާފައެވެ. އެގޮތުން ޕޯސްޓް މެދުވެރިކޮށް އައި ޕެކޭޖެއްގައި މަސްތުވާތަކެތި ހުރިކަމަށް ޝައްކު ކުރެވިގެން ހިންގުނު އޮޕަރޭޝަނުގައި، އެ ފޮށިގަނޑު ބަލައި ދިޔަ ފަރާތުގެ ހާޒިރުގައި ކަނޑައި ބެލިއިރު، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނިފައިވާ ކަމަށް ބަންދު އަމުރުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އެ ފޮށިގަނޑު ބަލައި ދިޔަ މީހާގެ އެހީތެރިކަމާއި އެކު ހިންގުނު ކޮންޓްރޯލް ޑެލިވަރީގައި ފޮށިގަނޑާ ހަވާލުވާން އައިސްފައި ވަނީ އޭނާ ކަމަށް ބުނެފައިވެއެވެ. އަދި އެދެމީހުންގެ ދެމެދުގައި ފޮށިގަނޑު ބަލައިއައުމަށް މުއާމަލާތްތަކެއް ކުރެވިފައިވާ ކަމަށް ސީނުގައި ތިބި ފުލުހުންގެ ބަޔާނުން އެނގޭ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.
ކޯޓު އަމުރުގައިވާ ބަޔާންކޮށްފައިވާ ގޮތުގައި އޭނާ އެވަގުތު ދުއްވަން އިން ސައިކަލުގެ މަޑިދަށުން މަސްތުވާއެއެއްޗެއް ކަމަށް ބެލެވޭ އެއްޗެއް ހުރި ޖުސްޕެޓީ ކޮތަޅެއް ފެނިފައިވާ ކަމަށާއި އޭގެ އިތުރުން އޭނާގެ ކުޑަކަމުދާ ތަކެތި ވަނީ ޓީއެޗްސީއަށް ފައްސިވެފައެވެ.