ގަވަރުނަރު ޢަލީ ހާޝިމް ކޮމިޓީއަށް ޖަވާބުދާރީވާން ފަހު ފުރުސަތު ދީފި
ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރަން މަސައްކަތް ފެށުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުވާން ގަވަރުނަރަށް އަންގަވާފައިވާއިރު، މިއަދުވެސް ކޮމިޓީއަށް ހާޒިރުވެފައި ނުވާތީވެ ކޮމިޓީއަށް ހާޒިރުވެ، ޖަވާބުދާރީވުމަށް މަރުކަޒީ ބޭންކު، އެމްއެމްއޭގެ ގަވަރުނަރު ޢަލީ ހާޝިމަށް ފަހު ފުރުސަތު ދެއްވުމަށް މާލިއްޔަތު ކޮމިޓީން ނިންމަވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ ގައުމުގެ މާލީ ހާލަތާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް މިދިޔަ ހަފުތާގެ ހޯމަ ދުވަހުވެސް ގަވަރުނަރު ހާޒިރުކުރަން ކޮމިޓީގައި އެޖެންޑާ ކޮށްފައެވެ. ނަމަވެސް އެކޮމިޓީ ކެންސަންވެފައިވާއިރު، މާލިއްޔަތު ކޮމިޓީގެ މުގައްރިރު ގާސިމް އިބްރާހިމް ކޮމިޓީގައި ވިދާޅުވީ އާލާސްކަންފުޅާ އުޅުއްވާތީ މިއަދު ވެސް ގަވަރުނަރު ހާޒިރުވެވަޑައިގެންފައި ނުވާތީ މާދަމާ އޮންނަ ބައްދަލުވުމުގައި ލިޔުމުން ފޮނުއްވާ ޖަވާބަށް ބަލައި ވަކި ގޮތެއް އެމައްސަލައިގައި ނިންމަވާނެ ކަމަށެވެ.
"މާދަމާ ވެސް އަނެއްކާ އެ މައްސަލަ މިޖަހަނީ. އެންމެ ފަހު ދުވަސް ކަމަށް މި ބަލަނީ. މާދަމާ ގަވަރުނަރު ވަޑައިގަތަސް ނުގަތަސް އެމަނިކުފާނު ފޮނުވާފައިވާ ސިޓީއަށް ބަލައި ގޮތެއް ނިންމުމަށް ކޮމިޓީން ވަނީ ނިންމާފައި" ޤާސިމް ވިދާޅުވިއެވެ.
އަލީ ހާޝިމް އެމްއެމްއޭގެ ގަވަރުނަރުގެ މަގާމުން ވަކި ކުރުމަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމެވެ. އަލީ ހާޝިމް މަގާމުން ވަކި ކުރުމަށް ނާޒިމް ހުށަހަޅާފައިވާ ސަބަބުތަކުގެ ތެރޭގައި ސަރުކާރުން މިހާރު ފައިސާ ހޯދަމުން ދަނީ ޑޮމެސްޓިކް މާކެޓުން ކަމަށް ވާއިރު، އެ މާކެޓް ރަނގަޅަށް ރެގިއުލޭޓް ކުރުމުގެ މުހިންމުކަން ބޮޑުވެފައިވާ ވަގުތެއްގައި އެކަން ގަވަރުނަރުގެ ހައިސިއްޔަތުން ނުކުރައްވާތީ ކަމަށް ބުނެފައިވެއެވެ.
ރާއްޖެއަށް އިޤްތިޞާދީ ކާރިސާއެއްގެ ބިރު ބޮޑުވެފައިވުމުގެ މައިގަނޑު ސަބަބަކީ، މަރުކަޒީ ބޭންކާއި، ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ދިން އިރުޝާދާއި ލަފައަށް ވޭތުވެދިޔަ އަހަރުތަކުގައި ސަރުކާރުން ޢަމަލު ނުކުރުމުންކަން ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.