"އޮޕަރޭޝަން ކުރަނގި" މުޅި ރާއްޖެއަށް ފުޅާ ކޮށްފި
ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުގައި ރާއްޖޭގައި އުޅެމުން އަންނަ ހުރިހާ ބިދޭސީންގެ މައުލޫމާތު އެއް ކުރުމަށް ފެށި "އޮޕަރޭޝަން ކުރަނގި" މުޅި ރާއްޖެއަށް ފުޅާ ކޮށްފިއެވެ.
އޮޕަރޭޝަން ކުރަނގި އަކީ ފުލުހުންނާއި މޯލްޑިވްސް އިމިގްރޭޝަނާއި ގުޅިގެން ނުގަވާއިދުން އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން ފަށާފައިވާ ޕްރޮގްރާމެކެވެ. ކ. މާފުށީގައި ފަށާފައިވަނީ މިދިޔަ މެއި މަހުގެ ދެވަނަ ދުވަހު ކ. ހިންމަފުށީގައެވެ. އެއަށްފަހު ކ.މާފުށީގައި ވެސް މިޕްރޮގްރާމް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ނާރެސް ޕޯޓަލް އާއި ކުރަނގި އޮޕަރޭޝަންގެ ދެ ވަނަ ފޭސް އިފްތިތާހް ކޮށްދެއްވާފައެވެ.
އޮޕަރޭޝަން ކުރަނގިގެ ފޭސް-2 ގައި ކައުންސިލްތަކުގެ އެހީގައި ބިދޭސީންގެ މައުލޫމާތުތައް ނަގާ، މިއޮޕަރޭޝަން އިތުރަށް ފުޅާވެގެން ދާނެއެވެ.
އޮޕަރޭޝަން ކުރަނގީގެ މަގުސަދަކީ ގަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން މައްސަލައަށް ދާއިމީ ހައްލެއް ހޯދުމެވެ. މިކަން ހާސިލުކުރުމަށްޓަކައި ރާއްޖޭގައި ވަޒީފާ އަދާ ކުރާ ބިދޭސީންގެ އިނގިލީގެ ނިޝާން ނަގައި، ބިދޭސީ މީހާ ވަޒީފާ އަދާ ކުރަނީ ރާއްޖޭގައި ހެދިފައި ހުރި ގާނޫނާއި ގަވާއިދުގެ ދަށުންތޯ ކަށަވަރު ކުރެވިގެން ދާނެކަމަށް މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދާހިލީ ސަލާމަތާއި ހިދުމަތްތަކާއި ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވިއެވެ.
"އެ އަށް ފަހު ކައުންސިލް އަށް އޮޓޯ އިން ސިސްޓަމްގެ ޒަރީއާ އިން ލިބިދޭނެ އެ ރަށުގައި ތިބި ބިދޭސީންގެ ދަފްތަރު،" ވަޒީރު ވިދާޅުވި އެވެ.
ރޭގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ރަށްރަށުގައި އުޅޭ ބިދޭސީންގެ ދަފްތަރު އެކުވާލައި ބެލެހެއްޓުމަކީ ކައުންސިލްތަކަށް ގާނޫނީ ގޮތުން މަތިކޮށްފައިވާ ކަމަކަށް ވިޔަސް އެއީ މިހާތަނަށް އުނދަގޫ މަސައްކަތެކެވެ. ބައެއް ކައުންސިލްތަކުން މިހާރު ވެސް ބިދޭސީންގެ ދަފްތަރު ބަލަހައްޓާ ކަމަށާއި އެ ކަމަކު އެއީ 100 ނުވަތަ 200 ވަރަކަށް ބިދޭސީން ތިބޭ ރަށްރަށް ކަމަށެވެ.
"ނަމަވެސް ހާހުން، ދެ ހާހުން ބިދޭސީން ތިބި ރަށްރަށުގައި މިކަން ކުރަން ފަސޭހަ ކަމަކަށް ނުވާނެ. އެކަން އަޅުގަނޑުމެން ގަބޫލުކުރާ ހާލު އޮޕަރޭޝަން ކުރަނގީގެ ދެ ވަނަ ފޭސް މި ދަނީ މި ކަމަށް މަގުފަހި ކުރަމުން،" އިހުސާން ވިދާޅުވި އެވެ.
"ފޭސް 2 ގައި ކައުންސިލްތަކަށް މި ބާރުވެރިކަން ދިނުމުން ރާއްޖޭގައި ގަވާއިދާ ހިލާފަށް މީހުން އުޅެމުންދާ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދުމުގެ ފުރަތަމަ ބައި ނިމުނީ،" އިހުސާން ވިދާޅުވި އެވެ.