ވިދާގުގުރުން ވަގުތުން ދެނެގަންނާނެ ނިޒާމެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމްކޮށްފި
ފުރަތަމަ ފަހަރަށް ވިދާގުގުރުން ވަގުތުން ދެނެގަނެ އެކަމުގެ މަޢުލޫމާތު ވަގުތުން ގެނެސްދޭ ނިޒާމެއް ރާއްޖޭގައި ގާއިމްކޮށްފިއެވެ.
މޫސޫމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން ވިދާޅުވީ ވިދާގުގުރުމުގެ މައުލޫމާތު ވަގުތުން ދެނެގަނެވޭ ނިޒާމެއް ރާއްޖޭގައި ފުރަތަމަފަހަރަށް ޤާއިމްކުރީ، ޗައިނީސް އެކަޑެމީ އޮފް ސައިންގެ ދަށުން ހިނގަމުންދާ އިންސްޓިޓިއުޓް އޮފް އިލެކްޓްރިކަލް އިންޖިނިއަރިން އާއި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް ގުޅިގެން ކަމަށެވެ.
އެވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މިކަމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓާއި، ގަން އިންޓަނޭޝަނަލް އެއަޕޯޓްގައި ލޯންގްރޭންޖް ލައިޓްނިންގް ޑިޓެކްޝަން އިކްވިޕްމެންޓް ވަނީ ބަހައްޓާފައެވެ.
މި ނިޒާމުން ސަރަޙައްދީ ވިއުގައާއި ގުޅާލުމުން ރާއްޖެއާއި ރާއްޖޭގެ ވަށައިގެންވާ ސަރަޙައްދަށް އަންނަ ވިދާ ގުގުރުމުގެ ހާދިސާތައް ވަގުތުން ވަގުތައް ދެނެގަނެވޭނެ ކަމަށާއި މި ވިއުގަ އިތުރަށް ތަރައްޤީކުރުމަށް ޝޯޓްރޭންޖް ލައިޓްނިންގް ޑިޓެކްޝަން އިކްވިޕްމެންޓް ހަރުކުރުމުގެ މަސައްކަތްތައް މިހާރު ކުރިއަށް ގެންދަމުންދާކަމަށް މޫސުމީ ބަދަލުތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
މީގެއިތުރުން އެވުޒާރާއިން ވިދާޅުވީ ވިދާ ގުގުރާ ހޮނު އެޅުމުގެ ސަބަބުން އެންމެ ގިނައިން ހަލާކުވަނީ އިލެކްޓްރިކް، އިލެކްޓްރޯނިކްސް އަދި މުވާސަލާތީ އާލާތްތައްކަމަށާއި ބައެއްފަހަރު އެހެނިހެން ތަކެއްޗަށާއި މުދަލާއި މީހުންގެ ފުރާނަ ގެއްލޭ ހާދިސާތައްވެސް ހިނގާކަމަށެވެ. އަދި މީގެ އިތުރުން ވައިގެ ދަތުރުފަތުރާއި ކަނޑު ދަތުރުގެ ސަލާމަތާއި ރައްކާތެރިކަމަށްވެސް އެކަމުގެ ސަބަބުން އަސަރުކުރާ ކަމަށް އެވުޒާރާއިން ވިދާޅުވިއެވެ.
މޫސޫމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން ވިދާޅުވީ މި ނިޒާމްއެއްކޮށް ގާއިމްކޮށް ނިމުމުން، ވިދާގުގުރުމުގެ އެކިމަރުހަލާތައް ތަފާތުކޮށް ވަގުތުން ބަލައިލެވޭނެކަމަށާއި ވިދުވަރާއި ގުޅިފައިވާ ކޮޅިގަނޑު ދަތުރުކުރާ މިސްރާބު ދެނެގަނެވި ދުރާލާ ދެވޭ އިންޒާރުގެ ސައްޙަކަން އިތުރުވެގެންދާނެ އެވެ.
މީގެއިތުރުން، ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، އިންޓަނޭޝަނަލް ސިވިލްއޭވިއޭޝަނާއި ރާއްޖޭގެ ސިވިލް އޭވިޝަން ރެގިއުލޭޝަން ނަމްބަރު 3 އާއި އެއްގޮތްވާގޮތުގެ މަތިން ނެރެންޖެހޭ މޫސުމީ ސަމާލު (SIGMET) އަދި ފޯކާސްޓް (TREND) ތަކުގެ އެކިޔުރެސީ ވެސް މިނިޒާމު ގާއިމްކުރެވުމުން ވަރަށް ބޮޑަށް މަތިވެގެން ދާނެއެވެ.