މޯލްޑިވްސް ފައިނޭންސް ފޯރަމްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގުން ސޮއިކޮށްފި
މޯލްޑިވްސް ފައިނޭންސް ފޯރަމް 2024 ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގުން ސޮއިކޮށްފިއެވެ.
މޯލްޑިވްސް ފައިނޭންސް ފޯރަމް އަކީ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފިސް (ޕެންޝަން އޮފިސް) އިން 2012 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ އަހަރީ ފައިނޭންސް ފޯރަމެވެ.
މާދަމާ ކުރުނބާ މޯލްޑިވްސްގައި ބޭއްވުމަށް ހަމަޖެހިފައިވާ މިއިވެންޓްގައި ރާއްޖޭގެ މާލީ އަދި އިޖުތިމާއީ ދާއިރާ ކުރިއެރުވުމާ ގުޅޭ އެންމެ ފަހުގެ ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ކަމާބެހޭ ފަރާތްތަކާއި ތަޖުރިބާކާރުން ބައިވެރިވާނެއެވެ.
ދިރާގުގެ ފައިނޭންޝަލް ކޮންޓްރޯލާ، އާދަމް އާތިފް ވިދާޅުވީ ޕެންޝަން އޮފީހާ ގުޅިގެން މޯލްޑިވްސް ފައިނޭންސް ފޯރަމްގެ ޑިޖިޓަލް ޕާރޓްނަރަށް އަނެއްކާވެސް ވުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި ދެމެހެއްޓެނިވި މާލީ އަދި އިޖުތިމާއީ ކުރިއެރުމަށް އެކި ތަޖުރިބާކާރުންނާއި އިންޑަސްޓްރީގައި މަސައްކަތް ކުރާ ފަރާތްތައް އެކުގައި މަސައްކަތްކޮށް އެންމެ ފަހުގެ މައުލޫމާތު ދެނެގަތުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ މި އިވެންޓަށް ޑިޖިޓަލް އެހީތެރިކަން ފޯރުކޮށްދީ، އެއްބާރުލުންދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.