ބިދޭސީން ގެނައުމަށްފަހު އިހުމާލުވާ ފަރާތްތައް ޖޫރިމަނާ ކުރަން ރައީސް ނިންމަވައިފި
ބިދޭސީން ގެނައުމަށްފަހު އިހުމާލުވާ ފަރާތްތައް ޖޫރިމަނާ ކުރަން ރައީސް ޑރ. މުޙައްމަދު މުއިއްޒު ނިންމަވައިފިއެވެ.
އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ހޯމް މިނިސްޓްރީން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު ރައީސް ޑރ. މުޢިއްޒު ނިންމެވީ ބިދޭސީން ގެނައުމަށްފަހު އިހުމާލުވާ ފަރާތްތަކުގެ ލިސްޓެއް އެކުލަވާލައި، އެ ލިސްޓު އާންމުކޮށް، އިހުމާލުވާ ފަރާތްތައް ޖޫރިމަނާ ކުރުމަށެވެ.
މިބައްދަލުވުމުގައި ގަވައިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ތަންފީޒީ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން ކުރައްވަން ނިންމެވި ކަންތައްތަކުގެ ތެރޭގައި، ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމަށްފަހު، އެފަރާތްތަކާމެދު އިހުމާލުވާ ވަޒީފާދޭ ފަރާތްތަކުގެ ލިސްޓް އެކުލަވައިލައި އާންމުކުރުން ހިމެނެއެވެ.
މީގެއިތުރުން ވަޒީފާދޭ ފަރާތުން އިހުމާލުވާނަމަ ޖޫރިމަނާކުރުމާއި އެފަދަ އަމަލުތައް ތަކުރާރުވާނަމަ އިތުރު ފިޔަވަޅުތައް އެޅާނެ ކަމަށްވެސް ކަނޑައަޅާފައިވެއެވެ.
ގަވައިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށްޓަކައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި ރިޒޯޓްތަކާއި ސިނާއީ ރަށްތަކާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު ހޯދުމަށް ވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމާފައެއެވެ.
އެގޮތުން، ވަޒީރުންގެ މަޖިލީހުގައި ނިންމައިފައި ވަނީ އެމީހުންގެ 10 އިނގިލީގެ ފިންގަޕްރިންޓް އަދި ފޭޝަލް ރިކޮގްނިޝަން ނަގައި އެ ބިދޭސީމީހާ ދެނެގަތުމާއި ގަވައިދާ ޚިލާފަށް ދިރިއުޅޭ ފަރާތްތައް ޤާނޫނީ އިމުގެ ތެރެއަށް ވެއްދުމަށް ރެގިއުލަރޭޝަން ޕްރޮގްރާމެއް ހިންގުމަށެވެ. އަދި އަމިއްލައަށް އެނބުރި ގައުމަށް ދާން ބޭނުންވާ ފަރާތްތަކަށް އެސިސްޓެޑް ވޮލަންޓަރީ ރިޓާން (އޭވީއާރު) ޕްރޮގްރާމް ހިންގުމަށް ވެސް ވަޒީރުންގެ މަޖިލީހުގައި ވަނީ ނިންމާފައެވެ.
މީގެއިތުރުން، ނުގަވާއިދުން އުޅޭ ބިދޭސީންގެ ސަބަބުން ދިވެހި ޒުވާނުންގެ ވަޒީފާގެ ފުރުސަތުތަކަށް އެޅެމުންދާ ހުރަސްތައް ނައްތާލުމަށްޓަކައި ގަވައިދާ ޚިލާފަށް ބިދޭސީން ކުރާ ވިޔަފާރިތައް އޯޑިޓްކޮށް ގާނޫނީ ގޮތުން ހަރުކަށި ފިޔަވަޅު އެޅުމަށާއި ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި ވަޒީފާއާބެހޭ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް އަވަސް މުއްދަތެއްގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ވެސް ވަޒީރުންގެ މަޖިލީހުން ނިންމިއެވެ.
މި ގާނޫނުތަކަށް ބަދަލު ގެންނަނީ ބިދޭސީން ގެނައުމަށްފަހު އިހުމާލުވާ ފަރާތްތައް ޒިންމާ ނަގަން ޖެހޭ ގޮތަށް ކަމަށް ހޯމް މިނިސްޓަރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.