ފެނަކައިން ރާޢްޖޭގެ ގިނަ ރަށްތަކެއްގައި އިރުގެ ހަކަތައިގެ ނިޒާމު ހަރުކުރަން ނިންމައިފި
އިޔާދަކުރުވަނިވި ހަކަތައިގެ "ޕޮއިސްޑް" ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ ގިނަ ރަށްރަށުގައި އިރުގެ ހަކަތައިގެ ނިޒާމު ހަރުކުރަން ނިންމާފައިވާ އިރު، މިޕްރޮޖެކްޓްގެ ދަށުން ތ. އަތޮޅުގައި ޖުމުލަ 2.49 މެގަ ވޮޓްގެ ސޯލާ ހަރުކުރާއިރު 1.9 މެގަ ވޮޓްގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް ހަރުކުރަން ނިންމައިފައިވާ ކަމަށް ފެނަކައިން ބުނެފައިވެއެވެ.
ފެނަކައިން ހާމަކޮށްފައިވާ ގޮތުގައި ސޯލާ ހަރުކޮށްފައިވާ ތ. އަތޮޅުގެ ރަށްރަށުން ވަނީ މިހާރު ޕްރީ-ކޮމިޝަންކޮށް މިހިދުމަތް ބޭނުން ކުރަން ފަށާފައެވެ. އަދި އެއަތޮޅުގައި ސޯލާ ހަރުކޮށްފައި ނުކޮށް ހުރި ރަށްރަށުގައި މިމަސް ނިމުމުގެ ކުރިން ކޮމިޝަން ކުރާނެއެވެ.
މީގެ އިތުރުން، މި ޕްރޮޖެކްޓްގެ ދަށުން ބ. އަތޮޅާއި ރ. އަތޮޅުގެ ރަށްތަކުގައި އަންނަ ސެޕްޓެމްބަރު މަހު ސޯލާ ހަރުކުރަން ފެށޭނެ ކަމަށް ވެސް ފެނަކައިން ހާމަކޮށްފައިވެއެވެ. އެގޮތުން ބ. އަތޮޅުގައި 2.74 މެގަ ވޮޓްގެ ސޯލާ ޕީވީ އަދި ރ. އަތޮޅުގައި 3.599 މެގަ ވޮޓްގެ ސޯލާ ހަރުކުރަން ވަނީ ނިންމައިފައެވެ.
ފެނަކައިން ބުނެފައިވާ ގޮތުގައި ފެނަކާގެ ހުރިހާ އިންޖީނުގެއެއްގައި ވެސް ޖުމުލަ ފަސް މެގަ ވޮޓްގެ ސޯލާ ހަރުކުރުމަށް އެކުންފުނިން ވަނީ ރާވާފައެވެ.
"ޕޮއިސްޑް" ޕްރޮޖެކްޓްގެ ދަށުން ފެނަކައިން ޚިދުމަތްދޭ އެންމެ ބޮޑު ހަ ސަރަހައްދުކަމަށްވާ އައްޑޫ ސިޓީ، ތިނަދޫ ސިޓީ، ފުވައްމުލަކު ސިޓީ، ޅ. ހިންނަވަރު އަދި ބ. އޭދަފުށީގެ އިތުރުން ކުޅުދުއްފުށި ސިޓީގައި ޖުމްލަ 11 މެގަ ވޮޓްގެ ސޯލާ ހަރުކުރަން ނިންމާފައިވާ ކަމަށް ފެނަކައިން ބުނެފައިވެއެވެ.
އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ ޕޮއިސްޑް ޕްރޮޖެކްޓަކީ ފެނަކަ ކޯޕަރޭޝަނާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ ގުޅިގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.
ފެނަކައިން ވަނީ ބުނެފައިވާ ގޮތުގައި މި ޕްރޮޖެކްޓުގެ މައިގަނޑު އަމާޒަކީ ސޯލާ-ޑީސަލް ހައިބްރިޑް ކަރަންޓު އުފައްދާ ނިޒާމުތައް ތައާރަފުކޮށް ޑީސަލް ބޭނުންކޮށްގެން ކަރަންޓު އުފެއްދުމަށް ބަރޯސާވާ މިންވަރު މަދުކުރުމެވެ. އަދި ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަކީ މިޕްރޮޖެކްޓްގެ މައިގަނޑު އެއް އަމާޒު ކަމުގައިވާ އިރު، މިއީ އިޔާދަކުރަނިވި ހަކަތައިގެ އަމާޒަށް ވާސިލްވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދެވޭ މުހިންމު މަސައްކަތެކެވެ.
ހަމައެއާއެކު، ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ކަރަންޓު އުފެއްދުމުގެ 33 އިންސައްތަ އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ކަނޑައަޅާފައިވާއިރު، މިޕްލޭނާއި އެއްގޮތަށް ފެނަކައިގެ ކަރަންޓް އުފެއްދުމުގެ ނިޒާމު ބަދަލު ކުރުމަކީ އެކުންފުނީގެ އަޒުމެވެ.
ފެނަކައިން ހާމަކޮށްފައިވާ ގޮތުގައި މިޕްރޮޖެކްޓްގެ ދަށުން ރާއްޖެއަށް ހަކަތައިގެ ދާއިރާގައި ފާހަގަކުރެވޭ ކުރިއެރުމެއް ލިބި، ތިމާވެށްޓާ ރައްޓެހި ގޮތެއްގައި ކަރަންޓު އުފެއްދުމަށް މަގުފަހިވާނެއެވެ. އަދި ނަތީޖާއެއްގެ ގޮތުން ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކަށް ވާސިލްވުމަށް އިތުރު ބާރެއް ލިބޭނެކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.