ޖިންސީ ގޮތުން ފިރިހެނުން ވަރުގަދަ ކޮށްދޭ މާމުއި ރާއްޖެ އެތެރެކުރުން މަނާކޮށްފި
ޖިންސީ ގޮތުން ފިރިހެނުން ވަރުގަދަ ކޮށްދޭ ކަމަށް ބުނެ އިސްތިހާރު ކުރަމުންދާ މާމުއި ރާއްޖެ އެތެރެކުރުން މަނާކޮށްފި އެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފައިވާ ގޮތުގައި ކުރިން ވަނީ މި މާމުއި ވިއްކުން މަނާ ކޮށްފައެވެ. އެހެންނަމަވެސް މަނާކުރުމުން ވެސް ސޯޝަލް މީޑިއާގައި އެތަކެތި ވިއްކުން ނުހުއްޓުވުމުން އެއޮތޯރިޓީން ވަނީ އިއްޔެއިން ފެށިގެން އެމާމުއި ރާއްޖެ އެތެރެކުރުން މަނާކޮށްފައެވެ.
ޖިންސީ ގޮތުން ފިރިހެނުން ވަރުގަދަ ކޮށްދޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އިސްތިހާރު ކޮށްގެން ވިއްކަމުންދާ މިމާމުއީގައި "ޓަޑަލަފިލް" އަދި "ސިލްޑަނަފިލް" ހިމެނޭ ކަމަށް އިއްޔެ އެމްއެފްޑީއޭ އިން ނެރެފައިވާ އެލާޓްގައި ބުނެފައިވެއެވެ.
މިކަމާއި ބެހޭ ގޮތުން ވާހަކަދައްކަވަމުން ސީނިއާ ފާމަސިސްޓް އައިޝަތު ޖަލީލާ ވިދާޅުވީ ފަރުވާއަކަށް ވިޔަސް، ބޭހެއް ބޭނުން ކުރެވޭނީ ވަކި މިންވަރަކަށް ކަމަށެވެ. ނަމަވެސް، އިސްތިހާރު ކޮށްގެން ވިއްކާ މާމުއިގައި "ޓަޑަލަފިލް" އަދި "ސިލްޑަނަފިލް" ހިމެނެނީ ކިހާ ވަރަކަށް ކަމެއް ބޭރުގެ ސިއްހީ މާހިރުންނަށް ވެސް ދެނެގަނެވިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ ކުރިން 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައި އެމްއެފްޑީއޭއިން އާންމުކުރި އިއުލާނެއްގައި ބޭސްތައް ހިމެނޭ މާމުއި ވިއްކުމާއި ބޭނުން ކުރުން ވަނީ މަނާކޮށްފައެވެ. އެހެންނަމަވެސް އެމްއެފްޑީއޭއިން އެންގުމުގައިވާ ފަދައިން މިކަން ކުރުން ހުއްޓާލާފައި ނުވާތީވެ އެބާވަތްތައް ރާއްޖެ އެތެރެކުރުން މަނާކޮށް، އެކަން ކަސްޓަމްސްއަށް އަންގާފައިވާ ކަމަށް ޖަލީލާ ވިދާޅުވިއެވެ.
އެމްއެފްޑީ އިން ވަނީ ޑޮކްޓަރީ ބޭސް އަޅާފައި ހުންނަ މި ފަދަ އުފެއްދުންތައް ބޭނުންކުރުމަކީ އިންސާނުންގެ ސިއްހަތަށް ނުރައްކާތެރި އަދި ބައެއް ހާލަތްތަކުގައި ފުރާނައަށް ނުރައްކާވެދާނެ ކަމެއް ކަމަށް ވިދާޅުވެފައެވެ.