އެމްޑީޕީގެ ނައިބު ރައީސް ކަމަށް ހިސާން އައްޔަންކުރަން ފާސްކޮށްފި
އެމްޑީޕީގެ ނައިބު ރައީސް ކަމަށް އެ ޕާޓީގެ ލީގަލް ޑިރެކްޓަރު ހިސާން ހުސައިން އައްޔަންކުރަން ފާސްކޮށްފިއެވެ.
އެމްޑީޕީއިން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ހާމަކޮށްފައިވާ ގޮތުގައި އެ ޕާޓީގެ ނައިބު ރައީސްގެ މަގާމަށް ހިސާން އައްޔަން ކޮށްފައި ވަނީ ގައުމީ މަޖިލީހުގެ އިއްތިފާގުން ކަމަށެވެ.
އެމްޑީޕީގެ ނައިބު ރައީސްގެ މަގާމަށް ހިސާން ހުށައިން އައްޔަންކުރައްވަން ނަން ހުށަހެޅުއްވީ އެޕާޓީގެ ރައީސް އަބްދުﷲ ޝާހިދެވެ.
ޙިސާންގެ ނަން ހުށަހަޅުއްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަހީދު ވިދާޅުވީ ހިސާންއަކީ އެ ޕާޓީއަށާއި، ޕާޓީގެ މެންބަރުންނަށް އިހުލާސްތެރި ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ މެންބަރެއް ކަމަށާއި އޭނާއަކީ އެ މަގާމަށް އެންމެ އެކަށީގެންވާ މީހާ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
މީގެ ކުރިން އެ ޕާޓީގެ ޓިކެޓުގައި މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރުކަން ކުރުމުގެ އިތުރުން ހިސާން ވަނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސްކަން ވެސް ކުރައްވައިފައިވެއެވެ.
އެމްޑީޕީގެ ނައިބު ރައީސްގެ މަގާމު ހުސްވެފައި ވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއެކު، އޭރު ޕާޓީގެ ނައިބު ރައީސްކަމުގައި ހުންނެވި މުޙައްމަދު ޝިފާޒް ޕާޓީން ވަކިކެވަޑައިގަތުމުންނެވެ.
އެމްޑީޕީއަކީ މިހާރު ރާއްޖޭގައި އޮތް އެންމެ ދުވަސްވީ ސިޔާސީ ޕާޓީ އެވެ. އިލެކްޝަންސް ކޮމިޝަންގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެމްޑީޕީގެ މެންބަރުންގެ އަދަދު މިހާރު 51،516 އަށް އަރައެވެ.