ޖަޕާނުގައި އާދީއްތަ ދުވަހު އަނެއްކާވެސް އިންތިހާއަށް ހޫނުމިން ބޮޑުވެފައިވާއިރު، ހެނދުނުގެ ވަގުތުތަކުގައި ވަނީ 35 ޑިގްރީ ސެލްސިއަސްއަށް ވުރެއް މައްޗަށް އަރާފައެވެ.
މޫސުމާބެހޭ އިދާރާއިން ބުނީ ޖަޒީރާ ސަރަހައްދު ކަވަރުކުރާ ހައި ޕްރެޝަރ ސިސްޓަމަކުން ހެނދުނުގެ ވަގުތެއްގައި ފެށިގެން ފިނިހޫނުމިން މައްޗަށް ޖެހިފައިވާ ކަމަށެވެ.
ޔަމަނާޝީ ޕްރިފެކްޗާގެ އޮޓްސުކީ ސިޓީގައި 37.2 ޑިގްރީ އާއި އިވާޓޭ ޕްރިފެކްޗާގެ ކަމައިޝީ ސިޓީގައި 37 ޑިގްރީ ވަނީ ރެކޯޑްކުރެވިފަ އެވެ.
މޫސުމާ ބެހޭ އޮފިޝަލުން ބުނާ ގޮތުގައި ދުވާލު ގަޑީގައި ޖަޕާންގެ އެކި ހިސާބުތަކަށް މަދުވެގެން 39 ޑިގްރީއަށް ހޫނުމިން އަރާނެ ކަމަށާއި، ހޫނުގަދަވުމުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސް ކޮށްފައިވާ ކަމަށެވެ.
ޖަޕާނުގެ އޮފިޝަލުން ވަނީ އެގައުމުގެ ގިނަ ސަރަހައްދުތަކަށް ހީޓްސްޓްރޯކް އެލާޓް ނެރެފަ އެވެ.
އަދި ހުކުރު ދުވަހުގެ ނިޔަލަށް ގަދަ ހޫނުކަން ދެމިއޮންނާނެ ކަމަށް ލަފާކުރެވެ އެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީގެ އޮފިޝަލުން ބުނާ ގޮތުގައި ހޫނުގަދަވުމުގެ ސަބަބުން މަރުވާ މީހުންގެ އަދަދު އިތުރުވަނީ ގަދަ ހޫނުމިން ކުރިއަށްދާ ވަގުތުތަކުގަ އެވެ. ހީޓްސްޓްރޯކް ޖެހިފައިވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. ބައެއް މީހުން ވަނީ މަރުވެފައެވެ.
އޮފިޝަލުން ދަނީ ސަމާލުވެ ތިބުމަށާއި އެއާކޮންޑިޝަން ބޭނުންކުރުމަށާއި ހައިޑްރޭޓް ވެގެން ތިބުމަށް ގޮވާލަމުންނެވެ. އަދި ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫނީ ބޭރަށް ނުކުތުމަށް ވެސް އިލްތިމާސް ކުރަމުންނެވެ.