ބްރިޖް އިން ޓޯލް ނެގުމަކީ އަޅުގަނޑު ގެ ސިޔާސަތެއްނޫން
ބްރިޖް އިން ޓޯލް ނެގުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގެ ސިޔާސަތެއްނޫންކަމުގައި އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު މީސް މީޑިއާގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ރޭގައި އިޢުލާން ކުރެވުނު "މާލެ ފަހި" ޕޮރޮގްރާމުގައި ޓޯލް ނެގުމާމެދު ދިރާސާއެއްކުރުމަށް ހިމަނާފައިވަނީ ފަންނީ ލެވެލްގައި އެކަމުގެ ލަފާއެއް އެމަނިކުފާނަށް އެރުވުމުގެ ނިޔަތުގައިކަމަށެވެ.
އަދި އެގޮތުން ލިބޭ ފަންނީ ލަފާގައި ޓޯލް ނަގަން ހުށަހެޅުން އަޔަސް، މާލެ ސިޓީގެ މަގުތައް އެއްކޮށް ރަނގަޅު ފެންވަރަކަށް ހަދާ ނިމުމުގެ ކުރިން އަދި އެކަށީގެންވާ މިންވަރަކަށް ޕާކިންގ ގެ މައްސަލަ ޙައްލު ވުމުގެ ކުރިން، އަދި ޤައުމާއި ރައްޔިތުންގެ ޢިޤްތިޞާދީ ޙާލަތު އެކަށީގެންވާ ފެންވަރަކަށް މަތިވުމުގެ ކުރިން ޓޯލް ނަގަން ނުފަށާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވާފައިވެއެވެ.
"މާލެ ފަހި" ޕްރޮގްރާމް ގެ ދަށުން ބްރިޖާއި ހަލިމަގަށް ޓޯލް ފީއެއް ތައާރަފް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ރޭ ވަނީ ހާމަކޮށްފައެވެ.
ސަރުކާރުން މިކަން ހާމަކުރައްވާފައި ވަނީ ރޭ މާލޭ ތޮއްޖެހުމުގެ މައްސަލަ ހައްލު ކުރުމަށާއި މާލޭ ސަރަހައްދަކީ ރައްކާތެރި އަމާން ތަނަކަށް ހެދުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން "މާލެ ފަހި" ޕްރޮގްރާމް ލޯންޗު ކުރުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ.
"މާލެ ފަހި" ޕްރޮގްރާމް ގެ ދަށުން ސަރުކާރުން ކުރުމަށް ނިންމާފައިވާ ބައެއް ކަންކަމާއި ގުޅޭ ޕްރެޒެންޓޭޝަންގައި ބްރިޖާއި ހަލި މަގުން ޓޯލް ފީއެއް ތައާރަފް ކުރަމުންދާ ކަމަށް ހިމަނާފައިވާއިރު، މިކަމާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
ޕްރެޒެންޓޭޝަނުގައި ހާމަކޮށްފައިވާ ގޮތުގައި ބްރިޖާއި ހަލިމަގަށް ޓޯލް ފީއެއް ތައާރަފް ކުރާނީ ކަމާއި ގުޅުން ހުރި ފަރާތްތަކާއި މަޝްވަރާ ކުރުމަށްފަހު އެވެ. އަދި އެކަމާއި ގުޅޭ ދިރާސާ ކުރުން އަންނަ އޮގަސްޓް މަހު ފަށާނެކަން ވެސް ވަނީ ހާމަކޮށްފައެވެ.