ދެ މިލިއަން ރުފިޔާގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ބިދޭސިއަކު ހައްޔަރުކޮށްފި
ދެ މިލިއަން ރުފިޔާގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ބިދޭސިއަކު ހައްޔަރުކޮށްފިއެވެ.
ކަސްޓަމްސް އާ ފުލުހުން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެހިދުމަތުން ގުޅިގެން ކުރިއަށް ގެންގޮސްފައިވާ އޮޕަރޭޝަނެއްގެ މައުލޫމާތު ހިއްސާ ކުރައްވަމުން ކަސްޓަމްސްއިން ބުނެފައި ވަނީ މި މައްސަލައިގައި މަސްތުވާތަކެއްޗާ އެކު އަތުލައިގަތީ ޕާކިސްތާނުގެ މީހެއްގެ އަތުން ކަމަށެވެ.
ޕާކިސްތާން މީހާގެ އިތުރުން މިމައްސަލަ އާއި ގުޅުން ހުރި އިތުރު ދެމީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ކަސްޓަމްސް އާއި ފުލުހުން ގުޅިގެން ކުރިއަށް ގެންދިޔަ މިއޮޕަރޭޝަންގެ މައުލޫމާތު ހިއްސާ ކުރައްވަމުން ދެ ހިދުމަތުން ބުނެފައިވަނީ އެތެރެކުރެވުނު މަސްތުވާތަކެތީގެ މަގުމަތީގެ އަގަކީ 2.12 މިލިއަން ރުފިޔާ ކަމަށާއި ޕެކިން އާ އެކު އެ ތަކެތީގެ ބަރުދަނުގައި 2.12 ކިލޯގްރާމް ހުރި ކަމަށެވެ. މީގެ އިތުރުން ފުރަތަމަ މަރުހަލާގައި އެ ތަކެތި ޓެސްޓްކުރުމުން ހެރޮއިނަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.
ފުލުހުންގެ ޗީފް އިންސްޕެކްޓަރު އަދި ޓްރެފިކިން އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ހެޑް އަހްމަދު ވަހީދު ވިދާޅުވީ، މި މައްސަލައާ ގުޅިގެން ޕާކިސްތާނުގެ މީހެއްގެ އިތުރުން އުމުރުން 25 އަހަރުގެ ފިރިހެނަކާއި 42 އަހަރުގެ ފިރިހެނެއް ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އެމީހުންގެ ބަންދާއި މެދު ގޮތެއް ކަނޑައެޅުމަށް ކޯޓަށް ހާޒިރު ކުރުމުން ތިން މީހުންގެ ބަންދަށް ވެސް 15 ދުވަހުގެ މުއްދަތެއް ޖަހާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން ހައްޔަރުކޮށްފައިވާ ދެ ދިވެހި ފިރިހެނުންގެ ވެސް ކުށުގެ ރިކޯޑް އޮންނަކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުބީ ދެ ދިވެހިން ވެސް މަސްތުވާތަކެތީގެ މި މައްސަލައާ ގުޅުމެއްވާކަން ތަހްގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
ވަހީދު އިތުރަށް ވިދާޅުވީ މިމައްސަލަ އާއި ގުޅުން ހުރި އިތުރު ފަރާތްތަކެއްގެ ތަހްގީގު ވެސް ކުރެވެމުންދާ ކަމަށާއި މިމައްސަލަ އިތުރުށް ތަހްގީގުކުރެވެމުން ދާތީ އިތުރު ތަފްސީލު ދެވެން ނެތް ކަމަށެވެ.