އޮލިމްޕިކްސްގައި ދީމާ ދެއްކި މޮޅު ކުޅުމަށް ރައީސްގެ ތައުރީފް
އޮލިމްޕިކްސްގައި ބައިވެރިވެ ރާއްޖޭގެ ޒުވާން ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ ދެއްކި މޮޅު ކުޅުމާއި ހިތްވަރަށް މުޅި ގައުމު ފަހުރުވެރިވާ ކަމުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިޒު ވިދާޅުވެއްޖެއެވެ.
އިއްޔެ ފްރާންސްގެ ޕެރިހުގައި ފަށާފައިވާ އޮލިމްޕިކްސް ގޭމްސްގެ ޓޭބަލް ޓެނިސް އަންހެން ސިންގަލްސް އިވެންޓުގެ ޕްރިލިމިނެރީ ރައުންޑުގައި ރާއްޖޭގެ ޓޭބަލް ޓެނިސް ތަރި ދީމާ ވާދަކޮށް ދައްކާފައިވާ މޮޅު ކުޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިޒް ތަހުނިޔާ ދަންނަވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދީމާ ދެއްކި މޮޅު ކުޅުމާއި ހިތްވަރަށް މުޅި ގައުމު ފަހުރުވެރިވާ ކަމަށެވެ.
އޮލިމްޕިކްސްގެ ޓޭބަލް ޓެނިސް އިވެންޓުގެ ޕްރިލިމިނެރީ ރައުންޑުގައި ދީމާ ވާދަކޮށްފައިވަނީ ދުނިޔޭގެ ރޭންކިންގެ 135 ވަނައިގައި ހިމެނޭ ޕޮލެންޑްގެ ކަޓާރްޒައިނާ ވޭގަޖަން އާއިއެވެ. މި މެޗު ކަޓާރްޒައިނާ ކާމިޔާބުކޮށްފައިވަނީ ސީދާ ހަތަރު ސެޓުންނެވެ.
މިމެޗުގެ ފުރަތަމަ ސެޓު ފަށައިގެން ކަޓާރްޒައިނާ ވަނީ ލީޑް ނަގާފައެވެ. އަދި މިމެޗުން ދީމާ ބަލިވެފައިވީ ނަމަވެސް މެޗްގެ ތެރެއިން ދީމާ ވަނީ ފަހަތުން އާރާ ކަޓާރްޒައިނާ އާއި އެއްވަރުވެސް ކޮށްފައެވެ. އެހެންނަމަވެސް ކަޓާރްޒައިނާ ވަނީ ފަހުން ބޮޑު ލީޑެއް ނަގާ މެޗް ކާމިޔާބު ކޮށްފައެވެ.
އުމުރުން 16 އަހަރުގެ ދީމާ އަކީ ރާއްޖެއިން އޮލިމްޕިކްސްއަށް ކޮލިފައިވި ފުރަތަމަ އެތްލީޓެވެ.
ދީމާގެ އިތުރުން މިއަހަރުގެ އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލްކޮށް ވާދަ ކުރަނީ ބެޑްމިންޓަން އިން ފާތުމަތު ނަބާހާ އަބްދުލް ރައްޒާގުއާއި، އެތްލެޓިކްސް އިން އިބާދުﷲ އާދަމްގެ އިތުރުން ފެތުމުން އައިޝަތު އުލްޔާ ޝާއިގް އަދި މުހައްމަދު އާން ހުސެއިނެވެ.