ފެނަކައިން ލ.ފޮނަދޫއަށް 1200 ކވ ގެ އާ ޖަނެރޭޓަރެއް ފޮނުވައިފި
ލ.ފޮނަދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ފެނަކައިން 1200 ކވ ގެ އާ ޖަނެރޭޓަރެއް ފޮނުވައިފިއެވެ.
ފެނަކައިން ބުނީ މިއީ އެކުންފުނިން ރަށްރަށުގައި ދިމާވެފައިވާ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ކުރެވޭ މަސައްކަތެއް ކަމަށެވެ. އެގޮތުން މިހާރު ލ.ފޮނަދޫ އަށް 1200 ކވ ޖަނެރޭޓަރެއް ފޮނުވާފައިވާކަމަށާއި ޖަނެރޭޓަރު ރަށަށް ލިބުމާ އެކު އިންސްޓޯލްކުރުމުގެ މަސައްކަތް ފެށިގެން ދާނެކަމަށެވެ.
ފެނަކައިން އިތުރަށް ބުނީ އެހެނިހެން ރަށްރަށުގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި އެ ކޯޕަރޭޝަންއިން ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
މިފަހަކަށް އައިސް އާންމުން އަންނަނީ ރާއްޖޭގެ އެކި ރަށްރަށުގައި ކަރަންޓުގެ ހިދުމަތްތައް އެކަށީގެންވާ ރަނގަޅު ގޮތުގައި ފޯރުކޮށް ނުދެވޭ ކަމުގެ ޝަކުވާތައް ކުރަމުންދާއިރު، މި ސަރުކާރުން އިންޖީނުގޭގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމުގައި އެންމެ ބޭނުންވާ ސަރަހައްދުތައް ބަލައިގެން ފެނަކަ އާއި ހަވާލުކޮށްގެން އިންޖީނުގޭގެ މަސައްކަތްތައް ކުރިޔަށްގެންދާ ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވަނީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ވެސް ވިދާޅުވެފައެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އައްޑޫ އަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތުން 1.5 މެގަވޯލްޓްގެ އާ ޖަނަރޭޓަރެއް ގަނެފައިވާ ކަމަށާއި އޮގަސްޓު މަހުގެ ތެރޭގައި އެ ޖަނަރޭޓަރު ބަހައްޓާ ކަރަންޓު ދޭން ފެށޭނެ ކަމަށެވެ. އަދި އިތުރު 3 ޖަނަރޭޓަރަށް ބޭނުންވާ ސްޕެއާ ޕާޓްސް ހޯދާފައިވާ ކަމަށާއި އެތިން ޖެނެރޭޓަރު ވެސް އޮގަސްޓް މަހުގެ ކުރިން އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.