ކާރުން ޖެހި އެކްސިޑެންޓްވި ޒުވާނާގެ މޫނުގެ ކަށިތައް ބިނދިފައި
ހުޅުމާލޭ ވިނަރެސް ފުލެޓު ކައިރީގައި ކާރެއް ކޮންޓްރޯލް ނުވެ ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާގެ މޫނުގެ ކަށިތައް ބިނދިފައިވާ ކަމަށް އާއިލާއިން ބުނެފިއެވެ.
އާއިލާއިން ހާމަކޮށްފައިވާ ގޮތުގައި މިއެކްސިޑެންޓްގައި އޭނާގެ މޫނުމަތީގެ ކަށިތައް ވަނީ ބިނދިފައެވެ. އެހެންނަމަވެސް އޭނާގެ ހާލު މިހާރު އަންނަނީ ރަނގަޅު ވަމުންނެވެ.
ހުޅުމާލޭގައި ހިނގާދިޔަ މިއެކްސިޑެންޓްގައި އަނިޔާވެފައި ވަނީ ކ. މާލެ އަށް ނިސްބަތްވާ އުމުރުން 27 އަހަރުގެ ފިރިހެނެކެވެ.
އެކްސިޑެންޓް ވުމާއި ގުޅިގެން އޭނާއަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗްއަށް ވަނީ ގެންދެވިފައެވެ.
ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށް ސަން އޮންލައިން އިން އަނިޔާވި މީހާގެ އާއިލާ މީހަކާއި ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި އެކްސިޑެންޓްގައި އަނިޔާވި ޒުވާނާއަށް އައިޖީއެމްއެޗްގެ އެމާޖެންސީގައި ފަރުވާ ދިނުމަށް ފަހު މިހާރު ވޯޑަށް ބަދަލުކޮށްފައިވާ ކަމަށެވެ. މިހާތަނަށް ބެލިބެލުމުން އޭނާގެ ގައިގެ ތަންތަން މަށައިގެން ގޮސް މޫނުމަތީގެ ކަށިތައް ބިނދިފައިވާކަން ވަނީ އެނގިފައެވެ.
"ޑޮކްޓަރު ވިދާޅުވީ ސީޓީ ސްކޭންއެއް ހެދުމަށް ފަހު ވަކި އެއްޗެއް ބުނަން އެނގޭނެ ކަމަށް،" އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
މިއެކްސިޑެންޓްގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، ވީޑިއޯއިން ފެންނަ ގޮތުގައި ރަތް ކުލައިގެ ކާރެއް ބާރު ސްޕީޑްގައި ދުއްވާފައި އައިސް ސައިކަލުގައި ޖެހި، ޖެހުނުލެއް ބާރު ކަމުން ސައިކަލުގައި އިން ޒުވާނާ ވިއްސައިގެންދާ ތަން ފެނިގެންދެއެވެ.
އެކްސިޑެންޓުވުމުން، އެކްސިޑެންޓްވި ކާރު ދުއްވަން އިން މީހާ ފިލާފައިވާއިރު، ފުލުހުން ދަނީ މިހާރު މިމައްސަލަ ތަހުގީގު ކުރަމުންނެވެ.