ހުޅަނގަށް ތާއީދުކުރާ ރައީސް މުހައްމަދު ބާޒޫމް މިދިޔަ ބުދަ ދުވަހު އަސްކަރީ ބަޣާވާތެއްގައި ރިޔާސީ ގާޑުގެ މެމްބަރުން ވެރިކަމުން ދުރުކުރުމުން ނައިޖަރގައި ފްރާންސާއި ދެކޮޅު މުޒާހަރާތައް ވަނީ ވަރުގަދަވެފަ އެވެ.
ބަޣާވާތުގެ ލީޑަރުން ވަނީ ޖެނެރަލް އަބްދުއްރަހަމާނޭ ޓިއާނީ އިސްވެ ހުންނަވައިގެން އަސްކަރީ ސަރުކާރެއް އެކުލަވާލާނެކަން އިއުލާންކޮށްފަ އެވެ.
ސިޔާސީ ހަލަބޮލިކަމުގެ ސަބަބުން ހުޅަނގު އެފްރިކާގެ ގައުމުތަށް އިސްތިއުމާރު ކުރި ފްރާންސް އާއި ދެކޮޅަށް ވެރިރަށް ނިޔާމީގައި މުޒާހަރާތައް ވަނީ ފަށާފައެވެ. މުޒާހަރާގެ ބައިވެރިން ވަނީ ފްރާންސްގެ އެމްބަސީއަށް ހިލަ އުކައި، އެތަނަށް ގެއްލުން ދީފަ އެވެ.
އެއް ޒަމާނެއްގައި ފްރާންސްގެ އިސްތިޢުމާރުގެ ގޮތުގައި އޮތް ނައިޖަރ އާއި ހުޅަނގު އެފްރިކާގެ އެހެން ޤައުމުތަކުގައި ފްރާންސްއާ ދެކޮޅަށް ފުންކޮށް އުފެދިފައިވާ ދެކޮޅުވެރިކަމެއް އެބައޮތެވެ.
ނައިޖަރގެ އަވަށްޓެރި މާލީ އާއި ބުރްކިނާ ފާސޯގައި ވެސް ފާއިތުވި އަހަރުތަކުގައި ވަނީ ބަޣާވާތްތައް ތަޖުރިބާކޮށްފަ އެވެ. އެމީހުންގެ އަސްކަރީ ވެރިން އަންނަނީ ރަޝިޔާއާ ގާތް ގުޅުމެއް ބަދަހިކުރަމުންނެވެ.
ހުޅަނގުގެ ގައުމުތަކުން ކަންބޮޑުވަނީ ނައިޖަރގެ އާ އަސްކަރީ ލީޑަޝިޕް ވެސް ރަޝިޔާއާއި ގާތަށް ޖެހިދާނެތީ އެވެ.
ހުޅަނގު އެފްރިކާގެ ސަރަހައްދީ ބްލޮކް އިކޯވާސްގެ ލީޑަރުން ވަނީ އާދީއްތަ ދުވަހު ބޭއްވި ކުއްލި ބައްދަލުވުމެއްގައި ނައިޖަރގެ ބަޣާވާތް ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ.
އެ ބައްދަލުވުމަށް ފަހު ވަނީ ބަޒޫމް "ވަގުތުން ދޫކޮށްލައި އަލުން ވަޒީފާއަށް ނެރުމަށް" ގޮވާލާފަ އެވެ. އަދި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ވެރިކަމުން ދުރުކޮށްފައިވާ ރައީސް އަލުން މަގާމަށް ނުގެންދެވޭހާ ހިނދަކު "ދުސްތޫރީ ހަމަޖެހުން އަލުން ގާއިމް ކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ" ކަމަށް ވެސް އިންޒާރު ދީފައިވެ އެވެ.
ބަޣާވާތަށް ތާއީދުކުރާ ނައިޖަރގެ އަސްކަރީ ލީޑަރުން ވަނީ އެމީހުންގެ ވަޒަން ދިފާއު ކުރުމަށް އަޒުމް ފާޅުކޮށްފައެވެ.
ފްރާންސްގެ ރިޔާސީ އޮފީހުން ހުކުރު ދުވަހު ބުނީ ފްރާންސްގެ ރައްޔިތުންނާއި ސިފައިންނާއި ޑިޕްލޮމެޓުންނާއި ފްރާންސްގެ ފެސިލިޓީތަކަށް ހަމަލާދޭ ކޮންމެ މީހަކަށް ވެސް ފްރާންސުން ވަގުތުން އަދި އެއްބަސްވުމެއް ނެތި ބަދަލު ހިފުން ފެންނާނެ ކަމަށް ރައީސް އިމަނުއެލް މެކްރޮން ސާފުކޮށްފައިވާ ކަމަށެވެ.
އަދި ފްރާންސާއި އެގައުމުގެ މަސްލަހަތުތަކަށް އެއްވެސް ހަމަލާއެއް މެކްރޮން ތަހައްމަލު ނުކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ.