ހަނިމާދޫ އެއާޕޯޓްގައި މާރާމާރީ ހިންގި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިނގުމުން ހައްޔަރުކުރި މީހާ ގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިނގުމުން ހައްޔަރުކޮށްފައި ވަނީ 39 އަހަރުގެ އިންޑިއާ ފިރިހެނެކެވެ. މިމާރާމާރީގައި އުމުރުން 37 އަހަރުގެ ފިރިހެނަކަށް ވަނީ އަނިޔާވެފައިވާއިރު، އޭނާއަށް ފަރުވާ ދިނުމަށް ހަނިމާދޫ ހެލްތު ސެންޓަރަށް ގެންދެވިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން މީޑިއާތަކާއި ހިއްސާ ކުރި މެސެޖެއްގައި ބުނެފައި ވަނީ މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާ 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރު ކޮށްފައިވާ ކަމަށެވެ.
މިމައްސަލަ އާއި ގުޅިގެން ހުކުރު ދުވަހުގެ ރޭ ފުލުހުން ބުނެފައި ވަނީ އެރޭގެ 20:00 ހާއިރު ހަނިމާދޫ އެއާޕޯޓުގައި މަސައްކަތް ކުރާ ދެ މުވައްޒަފަކު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވާ ކަމަށާއި އެމައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.