އެކްސިޑެންޓްގައި އަނިޔާވި ޒުވާނާއަށް ފަރުވާ ދިނުމަށް ރާއްޖެއިން ބޭރަށް ގެންދަނީ
ހުޅުމާލޭގެ ވިނަރެސް ފުލެޓް ކައިރީގައި ކާރެއް ކޮންޓްރޯލް ނުވެ ގޮސް ހިނގި އެކްސިޑެންޓްގައި އަނިޔާވި ޒުވާނާ އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުމަށް ތައްޔާރު ވަމުން އަންނަ ކަމަށް އާއިލާއިން ބުނެފި އެވެ.
ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ 'ސަން އޮންލައިން' އިން އަނިޔާވި ޒުވާނާގެ އާއިލާއަށް ހަވާލާދީ މިރޭ ބުނެފައި ވަނީ މިރޭ ޒުވާނާގެ ހާލު ސްޓޭބަލް ކަމަށާއި ނަމަވެސް މޫނުމަތީގެ ބައެއް ކަށިތަކަށް ލިބިފައިވާ ގެއްލުން ރަނގަޅު ކުރުމަށް ބޭނުންވާ ސާޖަރީތައް ރާއްޖެއިން ކުރެވެން ނެތް ކަމަށެވެ.
އެހެންކަމުން ޑޮކްޓަރުގެ ހުއްދަ އާއިއެކު އިތުރު ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ފުރަނީ ކަމުގައި އާއިލާއިން ބުނެފައިވެއެވެ.
އާއިލާއިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި ޒުވާނާގެ ހާލަތު އިތުރަށް ބެލުމަށް ހެދި ސީޓީ ސްކޭނުން އެއްވެސް ނުރައްކަލެއް ނެތް ކަން އާއިލާއިން ވަނީ ފާހަގަކޮށްފައެވެ.
މިއެކްސިޑެންޓްގައި އަނިޔާވެފައިވާ ޒުވާނާއަކީ މާލެއަށް ނިސްބަތްވާ އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އެކްސިޑެންޓްގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، ވީޑިއޯއިން ފެންނަނީ ބާރު ސްޕީޑްގައި ދުއްވާފައި އައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ވިނަރެސް ފްލެޓް ކުރިމަތީގައި އިންނަ ކާރެއްގައި ޖެހޭ ތަނެވެ. ކާރު އައިސް ސައިކަލުގައި ޖެހުނު ވަގުތު ސައިކަލުގައި އިން ޒުވާނާ ވިއްސައިގެންދާ ތަން ވެސް ވީޑިއޯ އިން ފެނިގެން ދެއެވެ.
މިމައްސަލަ އާއި ގުޅިގެން ކާރުގައި އެވަގުތު ތިބި ތިން މީހުން ވެސް ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ. އަދި ކްރިމިނަލް ކޯޓުން ވަނީ ދެ މީހަކު ޝަރީއަތް ނިމެންދެން އަދި އެކަކު 15 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައެވެ.