ރާއްޖޭގައި މިހާރު ފެންނަނީ ޔުނިޓަރީ ނިޒާމުން ނެއްޓި ފެޑެރަލް ނިޒާމަށްދާތަން: ލޯކަލް ގަވަމެންޓް މިނިސްޓްރީ
ރާއްޖޭގައި މިހާރު ފެންނަމުންދަނީ ފެޑެރަލް ސިސްޓަމަކާ ދިމާލަށް ދާ މަންޒަރު ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގައި ލޯކަލް ގަވަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މާހިރު ވިދާޅުވީ ގައުމުގެ ހިންގުން ސަރުކާރުތަކަށް ބެހިގެން ގޮސް، ޔުނިޓަރީ ދައުލަތެއްގެ ސިފަ ގެއްލިފައިވާ ކަމަށެވެ. އަދި މިހާރު ގާއިމުވެފައިވާ ޔުނިޓަރީ ދައުލަތުގެ ސިސްޓަމުން ނެއްޓި ފެޑެރަލް ސިސްޓަމަކާ ދިމާލަށް ރާއްޖޭގެ ކަންތައްތައް ދާ މަންޒަރު ފެންނަމުންދާ ކަމަށް ވެސް މާހިރު ވިދާޅުވި އެވެ.
"ވަކިވަކި ސަރުކާރެއް ކުދި ސަރުކާރު. މިހާރު އަޅުގަނޑުމެންނަށް ނިސްބަތްކޮށް ކައުންސިލްތަކުން އަޅުގަނޑުމެންނަށް ނިސްބަތްކޮށް މައި ސަރުކާރު، ރަށު ސަރުކާރު. ސަރުކާރުތަކަށް ބެހިގެން ގޮސްފައި މި ވަނީ ޔުނިޓީ ސިފަ ގެއްލިފައި،" އޭނާ ވިދާޅުވި އެވެ.
އަތޮޅު ވެރިކަން ކުރާ ރަށްރަށުގައި މީގެ ކުރިން ހެދި "އަތޮޅުގެ" ނުވަތަ ސްޓޭޓް ހައުސްގެ މައްސަލައިގައި މިއަދު ލޯކަލް ގަވަމެންޓް މިނިސްޓްރީގެ އިސްވެރިން ކޮމިޓީއަށް ހާޒިރުކުރުމުން މާހިރު ވިދާޅުވީ އަތޮޅުވެރިކަން ކުރާ ރަށްރަށުގައި އެ އިމާރާތްތައް ހުއްޓަސް އެއީ ދައުލަތުގެ ތަންތަން ކަމަށެވެ. އަދި އެތަންތަން ކުއްޔަށް ދޫކޮށްގެން ކައުންސިލްތަކަށް އާމްދަނީ ލިބޭ ކަމުގައިވީ ނަމަވެސް އެތަނަށް ބޭނުންވާ ތަކެތި ހޯދަން ޖެހެނީ ފިނޭންސް މިނިސްޓްރީން ކަމަށް އޭނާ ވިދާޅުވި އެވެ.
އެ އިމާރާތްތައް ހިންގުމަށް ކައުންސިލްތަކާ އެކު އެއްބަސްވުމެއް ހަދާފައިވާ ކަމަށާއި ކައުންސިލްތަކުން ބޭނުންވާ ބަދަލުތައް ވެސް އެ ތަންތަނަށް ގެންނަ ކަމަށް މިއަދުގެ ބައްދަލުވުމުގައި މިނިސްޓްރީން ބުނެފައިވެއެވެ.
މީގެ އިތުރުން ސްޓޭޓް ހައުސްތަކަކީ ރައީސުންނާއި ދައުލަތުގެ އިސްވެރިން ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި ތިއްބަވާ ތަންތަން ކަމަށްވާތީވެ ދައުލަތުން އެތަންތަން ބަލަހައްޓާ މަރާމާތު ކުރަންވާނެ ކަމަށް ވެސް މާހިރު ވިދާޅުވި އެވެ.
ލޯކަލް ގަވަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މޫސާ ފަތުހީ އާދަމް ވިދާޅުވީ، ސްޓޭޓް ހައުސްތައް ވަރަށް ބޮޑަށް މަރާމާތުކުރަންޖެހޭ ކަމަށާއި އެއިމާރާތްތައް ނެތް ރަށްރަށުގައި ސްޓޭޓް ހައުސް އަޅަން ނިންމާފައިވާ ކަމަށެވެ. އަދި ބައެއް ކައުންސިލްތަކުން ސްޓޭޓް ހައުސް އިން ރަނގަޅު އާމްދަނީއެއް ވެސް ހޯދާ ކަމަށް ފަތުހީ ވިދާޅުވި އެވެ.
އަތޮޅު ކައުންސިލްގެ ރައީސުންނަށް ލިވިން އެލަވަންސް ދެމުން އައި ނަމަވެސް އަތޮޅު ކައުންސިލެއްގެ ރައީސް އެ އެލަވަންސް ނަންގަވައިގެން އޭނާގެ އާއިލާ އެކު، އެ ރަށުގެ ސްޓޭޓް ހައުސް ނުވަތަ މަރިޔާދު ގޭގައި ދިރިއުޅުއްވަމުން ގެންދަވާ ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު ހާމިދު ޔޫސުފް ވިދާޅުވި އެވެ. އަދި ނަމަވެސް، ގިނަ ސްޓޭޓް ހައުސްތައް ބޭނުންކުރަނީ އުސޫލާ އެއްގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.