އައްޑޫއަށް އާ ޖެނެރޭޓަު ގެންދިއުމުގެ މަސައްކަތް ފަށައިފި
އައްޑޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ގަތް އާ ޖެނަރޭޓަރު އައްޑު އަށް ގެންދިއުމުގެ މަސައްކަތް ފެނަކައިން ފަށައިފި އެވެ.
ފެނަކައިން ހާމަކޮށްފައިވާ ގޮތުގައި އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި އެންމެ މަތިން ކަރަންޓު ބޭނުންވާ ގަޑިތަކުގައި 12 މެގަވޮޓް ކަރަންޓު ބޭނުންވާ ކަމަށާއި ހިތަދޫގައި މިހާރު ބަހައްޓާފައިވާ 26.8 މެގަވޮޓްގެ ކެޕޭސިޓީގެ 20 ޖެނަރޭޓަރު ސެޓުން ފަސް ސެޓް ހަލާކު ވުމުން މިހާރު އުފައްދަނީ 15 މެގަވޮޓް ކަމަށެވެ.
މީގެ އިތުރުން، މަގު ހަދާއިރު ކޭބަލަށް ތަކުރާރުކޮށް، ގެއްލުން ލިބުމަކީ ކަރަންޓު ކެނޑެން މެދުވެރިވާ އިތުރު ސަބަބެއް ކަމަށް ފެނަކައިން ބުނެފައިވެއެވެ.
އެހެންކަމުން މިހާރު އައްޑުއަށް ކުރިމަތިވެފައިވާ ކަރަންޓްގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް 1,600 ކިލޯވޮޓްގެ ޖެންސެޓެއް އައްޑު އަށް ގެންދިއުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ފެނަކައިން ބުނެފައިވެއެވެ. އަދި އާ ޖެނެރޭޓަރކާ އެކު، އައްޑު އަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ މި މަހު ހައްލު ވާނެ ކަމަށް އެންވަޔަރުމެންޓް މިނިސްޓަރު އިބްރާހިމް ތޯރިގު ވަނީ ވިދާޅުވެފައެވެ.
އައްޑޫގެ ކަރަންޓަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް މިދިޔަ އެޕްރީލް މަހު ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފައިވާއިރު އެ މަޝްރޫއު ނިމުމުން އައްޑޫގެ ކަރަންޓަށް ދިމާވެފައިވާ މައްސަލައަށް ދާއިމީ ހައްލެއް ކުރިއަށް އޮތް 20 ވަރަކަށް އަހަރަށް ލިބިގެންދާނެ ކަމަށް ފެނަކައިން ބުނެފައިވެއެވެ.