ވަގުތީގޮތުން އިންގްލެންޑްގެ ކޯޗުކަމަށް ކާސްލީ
ހުސްވެފައިވާ އިންގްލެންޑްގެ ގައުމީ ޓީމުގެ ކޯޗުގެ މަގާމުގެ ޒިންމާ ވަގުތީގޮތުން، ލީ ކާސްލީއާ ހަވާލުކުރުމަށް ނިންމައިފިއެވެ.
އިންގްލެންޑްގެ ކޯޗުގެ މަގާމު ހުސްވީ، ޖެހިޖެހިގެން ޔޫރޯގެ ދެ ފައިނަލުން ބަލިވުމާއެކު ކޯޗު ގަރެތު ސައުތުގޭޓް މަގާމުން އިސްތިއުފާދިނުމުންނެވެ.
އެ ޒިންމާއާ ވަގުތީގޮތުން ހަވާލުކުރީ ކާސްލީ، 50، މިހާތަނަށް ހުރީ އިނގިރޭސި 21 އަހަރުން ދަށުގެ ޓީމުގެ ކޯޗުގެ ގޮތުގައެވެ. ކާސްލީ ވަނީ، 39 އަހަރަށްފަހު މިދިޔަ އަހަރު އިންގްލެންޑަށް 21 އަހަރުން ދަށުގެ ޔޫރަޕިއަން ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދީފައެވެ. ކާސްލީގެ އިރުޝާދުގެ ދަށުން، އިންގްލެންޑުން އެންމެ ފުރަތަމަ ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހު އޮތް ޔުއެފާ ނޭޝަންސް ލީގުގައި ރިޕަބްލިކް އޮފް އަޔާލެންޑާއި ފިންލެންޑާ ދެކޮޅަށް އޮތް މެޗުތަކެވެ.
ކާސްލީގެ ޕްރޮފެޝަނަލް ކެރިއަރުގައި ގާތްގަނޑަކަށް 17 އަހަރު ދުވަހު މިޑްފީލްޑަރެއްގެ ގޮތުގައި ޕްރިމިއާ ލީގުގައި އެވަޓަން އާއި ޑާބީ ކައުންޓީ ފަދަ ކްލަބުތަކަށް ވަނީ ކުޅެފައެވެ. އޭނާގެ ކޯޗިންގ ކެރިއަރުގައި ކޮވެންޓްރީ ސިޓީ، ބްރެންޓްފޯޑް އަދި ބާމިންހަމް ސިޓީ ފަދަ ޓީމުތަކުގެ ވަގުތީ ކޯޗެއްގެ ގޮތުގައި މަސައްކަތްކުރުމަށްފަހު އިނގިރޭސި ޔޫތު ޓީމާ ހަވާލުވީ 2020 ވަނަ އަހަރު އެވެ.
21 އަހަރުން ދަށުގެ ޓީމުގެ ކޯޗުގެ މަގާމުން ސީނިއާ ޓީމުގެ ވަގުތީ ކޯޗުގެ މަގާމަށް ބަދަލުވުމަކީ އާންމުކޮށް ކުރަމުން އަންނަ ކަމެކެވެ. އެގޮތުން، މީގެކުރިން ހަވާޑް ވިލްކިންސަން، ސްޓުއާޓް ޕިއާސް އަދި ސައުތްގޭޓް ވެސް ވަނީ އެ ގައުމުގެ އެކި އުމުރުފުރާގެ ޒުވާން ޓީމުތަކަށް އިރުޝާދު ދިނުމަށްފަހު ސީނިއާ ޓީމާ ހަވާލުވެފައެވެ.
ކޯޗެއްގެ ގޮތުގައި ސައުތްގޭޓްގެ މަގާމު ދާއިމީކުރުމުން، އިންގްލެންޑް ސީނިއާ ޓީމުގައި ހޭދަކުރީ 8 އަހަރުގެ ތެރޭގައި އޭނާ ވަނީ 2018 ވަނަ އަހަރުގެ ފިފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލާއި، 2022 ގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލް އަދި 2021 އާއި 2024 ގައި ޔޫރޯ ފައިނަލަށް އެ ޓީމުގެ ގެންގޮސްދީފައެވެ.
މިހާތަނަށްއައިއިރު އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ އާ ކޯޗެއް ހޯދުމުގެ މަސައްކަތް ފަށައި، އެފަރާތުގެ ރަސްމީ ވެބްސައިޓުގައި ވަޒީފާގެ އިޢުލާނެއް ވެސް ޝާއިޢުކޮށްފައެވެ. އަދި، އެފްއޭ އިން ސައުތުގޭޓްގެ ބަދަލުގައި ދާއިމީ ކޯޗެއް ހޯދުމާ ބެހޭގޮތުން މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައިނުވާއިރު، އެފަރާތުން އަބަދުވެސް ބުނަމުންއައީ "ވަގުތީ ހައްލެއް" ހޯދުމުގެ ވިސްނުން އެބައޮތް ކަމަށެވެ.