އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު މިއަދު ރާއްޖެ ވަޑައިގަންނަވަނީ
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ޖައިޝަންކަރު ރާއްޖެއަށް ވަޑައިގަންނަވަނީ ފޮރިން މިނިސްޓަރު މޫސާ ޒަމީރުގެ ދައުވަތަކަށް ކަމަށާއި މިދަތުރުފުޅުގައި އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރެއްވާނެ އެވެ.
މިއަދުން ފެށިގެން މިމަހުގެ 11 ވަނަ ދުވަހާއި ހަމައަށް ކުރައްވާ 3 ދުވަހުގެ ރަސްމީ ދަތުރުފުޅުގައި އެމަނިކުފާނު އިންޑިއާގެ އެގްޒިމް ބޭންކްގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް (އެޗްއައިސީޑީޕީ) އާއި ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ނިމިފައިވާ މަޝްރޫއުތައް އިފްތިތާހުކޮށް ދެއްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.
މީގެއިތުރުން، މިނިސްޓަރު ޖައިޝަންކަރު އާއިއެކު މިނިސްޓަރު ޒަމީރު ކެޕޭސިޓީ ބިލްޑިން ދާއިރާތަކާ ބެހޭ ގޮތުން މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން ބަދަލުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.
މިއަހަރުގެ ޖޫން މަހުގައި ދެވަނަ ދައުރަކަށް ހަވާލުވުމަށްފަހު މިއީ މިނިސްޓަރު ޖައިޝަންކަރު ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.