ޑރ. ޝަހީމްގެ އަބުރު ކަތިލުމަށް ކުރަމުން އަންނަ މަސައްކަތްތައް މިހާރުން މިހާރަށް ހުއްޓާލާ: ކޯލިޝަން
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއަށް ފުރައްސާރަކޮށް ފަތުރަމުން އަންނަ ވާހަކަތައް ޕީއެންސީ/ޕީޕީއެމް ކޯލިޝަނުން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފިއެވެ.
އެކޯލިޝަނުން އާންމުކޮށްފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ މިނިސްޓަރު ޑރ. ޝަހީމް އަކީ ހުލްގު ހެޔޮ، ދީނީ ލީޑަރެއް ކަމަށާއި ޝަހީމަށް ފުރައްސާރަކޮށް ފަތުރަމުން އަންނަ ހަގީގަތާ ހިލާފު ދޮގު ވާހަކަތައް އެކޯލިޝަނުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.
ޑރ. ޝަހީމްއާ މެދުގައި ކޯލިޝަނުން ފަހުރުވެރިވާ ކަމަށް ވެރިކަން ފާހަގަކުރައްވާ ކޯލިޝަނުން ބުނެފައި ވަނީ މީސް މީޑިއާގެ އިތުރުން ބައެއް މީޑިއާތަކުގައި ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ދައްކަމުން ގެންދަނީ ޝަހީމްގެ އަބުރު ނަގާލުމަށް ކަމަށާއި ޝަހީމަކީ މުޅި އިސްލާމީ ދުނިޔޭގައި ވެސް ނަން ހިނގާ މަޝްހޫރު އަދި އިސްލާމީ ދައުލަތްތަކުން އޭނާގެ ހިދުމަތުގެ އަގު ވަޒަން ކުރަމުން ގެންދާ ހުލްގު ހެޔޮ ދީނީ ލީޑަރެއް ކަމަށެވެ.
މީގެއިތުރުން، ރައީސް ޑރ. މުއިއްޒުގެ މެނިފެސްޓޯގައި އިސްލާމިކް މިނިސްޓްރީއާ ގުޅުން ހުރި އެންމެހާ ކަންކަން ކުރެއްވުމުގައި ޝަހީމް ކާމިޔާބު ހޯއްދަވަމުން ގެންދަވާ ކަމަށާއި އެމަނިކުފާނު އިސްލާމިކް މިނިސްޓަރުކަމުގެ މަގާމުގައި ހުންނަވައިގެން ރައީސްގެ ދީނީ ސިޔާސަތުތައް ކުރިއެރުވުމުގައި ސާބިތުކަމާއެކު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ކޯލިޝަނުން ފަހުރުވެރިވާ ކަމަށެވެ.
ކޯލިޝަނުން ވަނީ ޑރ. ޝަހީމްއަށް ފުރައްސާރަކޮށް، ހަގީގަތާ ހިލާފު ދޮގު އިލްޒާމުތައް އެޅުވުމުން އެމަނިކުފާނު ފަސް ޖެހިވަޑައިނުގަންނަވާނެ ކަމަށާއި އެމަނިކުފާނުގެ އަބުރު ކަތިލުމަށް ކުރަމުން އަންނަ މަސައްކަތްތައް މިހާރުން މިހާރަށް ހުއްޓާލުމަށް އަންގާފައެވެ.
ކޯލިޝަނުން މިބަޔާން ނެރެން ޖެހުނީ ސޯޝަލް މިޑިއާގައި ދައުރު ކުރަމުން ދިޔަ ބަދު އަހުލާގީ ވީޑިއޯއަކުން ފެންނަނީ ޝަހީމް ކަމަށް ބުނެ، ބައެއް މީހުން ޝަހީމްއަށް ފުރައްސާރަކޮށް ފާޑު ކިއުމުގެ ސަބަބުންނެވެ. އެހެންނަމަވެސް އެވީޑިއޯ އާންމު ކުރި ފަރާތުން ވަނީ ވީޑިއޯ އިން ފެންނަނީ ޝަޙީމް ނޫން ކަމަށް ބުނެ، އެކަމަށް މަޢާފަށް ވެސް އެދިފައެވެ.