ގެސްޓްހައުސްތައް ހަދަން ހާއްސަ ލޯނު ދޫކުރަނީ
ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ގެސްޓްހައުސްތައް ހަދަން ލޯނު ދޫކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރުސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މާސްޓާ ޕްލޭނެއް ހަދާ ރައްރަށުގައި ގެސްޓްހައުސްތައް ހަދަން ލޯނު ދޫކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ގެސްޓްހައުސް ހަދަން ޒުވާނުންނަށް ފުރުސަތު ދޭން އިތުރު މަސައްކަތް ތަކެއް ފަށާފައިވާ ކަމަށެވެ.
"ހުރިހާ ޒުވާނުންނަށް ބުނެލަން ބޭނުން ވަނީ މިއީ ޓޫރިޒަމްގަ ޒުވާނުން ނުކުމެ އިންވެސްޓް ކުރަންވީ ވަގުތު. އަޅުގަނޑުމެން މިދަނީ ބީއެމްއެލްއާއި އެމްއައިބީއާއެކު މަޝްވަރާކުރަމުން، ޓޫރިޒަމް ޕްރޮޑޮކްޓްތަކެއް އިންޓްރޮޑިއުސްކޮށް ރަނގަޅު އިންސްޓްރެސްޓް ރޭޓްތަކެއްގައި ގެސްޓްހައުސް/ހޮޓެލް އަޅަން ލޯނުތަކެއް ދޭން" ފައިސަލު ވިދާޅުވިއެވެ.
މި އަހަރުގެ ތެރޭގައި އެލޯނުތަކަށް ހުޅުވާލެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށާއި އެ ކަމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށާއި މި މާސްޓާ ޕްލޭން ނިމޭއިރު އަތޮޅަކަށް އެންމެ ގިނައިން ބޭނުންވާ ގެސްޓްހައުސް އެނދުގެ އަދަދު ވެސް އެނގިގެން ދާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
"ކޮންމެ އަތޮޅެއްގެ ގެސްޓްހައުސްތައް ޕްރޮމޯޓް ކުރުމާއެކު އަތޮޅު ޕްރޮމޯޓް ކުރުން އޭރުން އެމްއެމްޕީއާރުސީ ބަޖެޓުން ފެށިގެންދާނެ. އޭރުން އެ ރަށެއްގައި ހުރި ޔުނީކް ސެލިން ޕޮއިންޓްތައް ޕްރޮމޯޓް އައިޑެންޓިފައި ކުރެވި އެމްއެމްޕީއާރުސީން ޕްރޮމޯޓް ކުރާނެ،" ފައިސަލް ވިދާޅުވިއެވެ.
މީގެއިތުރުންވެސް އަހަރުން ފެށިގެން ދެ ޓެކުހަކުން ބައެއް ޓޫރިޒަމް މާކެޓިންއަށް ހާއްސަ ކުރަން އެމްއެމްޕީއާރުސީން ނިންމާފައިވާ ކަމަށާއި ޓޫރިޒަމް އިޝްތިހާރު ކުރުމުގެ ބަޖެޓު 20 މިލިއަން ރުފިޔާއަށް އިތުރުކޮށް، މިހާރަށް ވުރެ ފުޅާދާއިރާއެއްގައި އެ މަސައްކަތް ކުރަން ފަށާފައިވާ ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.