ސަރުކާރު ހިއްސާވާ 10 ކުންފުންޏަކުން ގިނަ އަދަދެއްގެ ބޯޑު މެންބަރުން ވަކި ކޮށްފި
ސަރުކާރު ހިއްސާވާ 10 ކުންފުންޏަކުން ގިނަ އަދަދެއްގެ ބޯޑު މެންބަރުން ވަކި ކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުގައި ޕީސީބީ އިން ސަރުކާރު ހިއްސާވާ 10 ކުންފުންޏަކުން 19 ބޯޑު މެންބަރުން ވަކިކޮށްފައެވެ.
އެގޮތުން ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަންގެ ބޯޑުން މުހައްމަދު ރަޝީދާއި ހާމިދު ސޯދިގު ވަކިކޮށް އެ ކުންފުނީގެ ބޯޑަށް ޒިދުނާ އިބްރާހިމް ވަނީ އައްޔަންކޮށްފައިވެ އެވެ.
މޯލްޑިވްސް ޕޯސްޓްގެ ޗެއާޕާސަން މުހައްމަދު އަބްދުﷲ އާއި ބޯޑު މެންބަރު މުހައްމަދު ނާޝިދު ވަކިކުރުމަށްފަހު ހައްވާ ސަފްނާ ވަނީ އެކުންފުނީގެ ބޮޑަށް އައްޔަންކޮށްފަ އެވެ.
އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ހުސެއިން މުހައްމަދު ދީދީ އާއި ޝާތިފް އަލީ އަދި ޝަޒުރާ ޝާކިރު ވަކިކޮށްފައިވާއިރު، ބިޒްނަސް ސެންޓާ ކޯޕަރޭޝަންގެ ބޯޑުން ލަމްޔާ އިބްރާހިމާއި އަހުމަދު އިފްތިހާރު ވެސް ވަނީ ވަކިކޮށްފަ އެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ބޯޑު މެންބަރުކަމުން ނަޖީލް އަހުމަދު އަދި ޕޮލިސް ވެލްފެއާ ކޯޕަރޭޝަންގެ ބޯޑު މެންބަރުކަމުން އަލީ ނަޒީރު ވެސް ވަނީ ވަކިކޮށްފައެވެ.
އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަންގެ ބޯޑުން ޝުހުދާ އިބްރާހިމް އަދި ޓްރޭޑް ނެޓް މޯލްޑިވްސް ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑުން ނާހިޔާ މުހައްމަދު ވަކިކޮށް، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑުން އަލީ ނަބީލާއި މުސްތަފާ މުހައްމަދު އަދި އަލީ އިކްރާމް ވެސް ވަނީ ވަކިކޮށްފައެވެ.
ފެނަކަ ކޯޕަރޭޝަނުން އެކުންފުނީގެ ޗެއާޕާސަން އަހުމަދު ޝަހީރު ވަކިކޮށްފައިވާއިރު، އެކުންފުނީގެ ބޯޑުން އިބްރާހިމް ނާއިފާއި އަހުމަދު އީހާބު ވެސް ވަނީ ވަކިކޮށްފަ އެވެ.
ބަޔާންކުރެވުނު ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑުން މިމެންބަރުން ވަކިކޮށްފައިވާ ސަބަބެއް ޕީސީބީ އިން އަދި ހާމަކޮށްފައެއް ނުވެއެވެ.